މާދަމާ ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ކޮންގްރެސްގެ އެޖެންޑާ އެކުލަވާލައިފިއެވެ.
ކޮންގްރެސް އޮންނާނީ ހުކުރު, ހޮނިހިރު, އާދިއްތަ ދުވަހުއެވެ.
ހުކުރު ދުވަހު އޮތީ ކޮންގްރެސް ފެށުމުގެ ޖަލްސާއެވެ. އަދި ކޮންގްރެސް ފެށުުނުކަން އިއުލާނުކުރުމުގެ ގޮތުން އެ ދުވަހު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެއެވެ. އެ ރޭ ކޮންގްރެސް ފެށުމުގެ ގޮތުން ބާއްވާ ޚާއްސަ ޖަލްސާ އޮންނާނެއެވެ.
އެ ޖަލްސާގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ އިސް ބޭފުޅުން ވާހަކަ ދައްކަވަން ވަނީ ހަމަޖެހިފައެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށާއި, އެ ވޯޓުގެ ނަތީޖާއަކީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އެ ބަދަލުތައް ގެނައުމަށް ގޮވާލައްވައި ނަޝީދު ވަނީ ކޮންގްރެސްއަށް ޤަރާރެއް ވެސް ހުށަހަޅުއްވައިފައެވެ.
ޤަރާރު ތާވަލްކޮށްފައިވަނީ ކޮންގްރެސްގެ ނިންމާ ދުވަސްކަމަށްވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 އިން 15:30 އަށެވެ. އޭގެ ފަހުން އެ ރޭ 21:00 އިން 23:00 އަށް އޮންނާނީ ކޮންގްރެސް ނިންމުމުގެ ޖަލްސާއެވެ.
ނަޝީދުގެ ޤަރާރު އަނބުރާ ގެންދަވަން ރައީސް ޞާލިޙް ވަނީ ގޮވައިލައްވާފައެވެ. ވިދާޅުވީ އެއީ ވޯޓަކަށްދާ ވަރަށްވުރެ މާ ޅަފަތުގައި އޮތް ޤަރާރެއް ކަމަށެވެ. އަދި ޤަރާރު ފާސްވާނެކަމަށް ވެސް ނުބެލެވޭ ކަމަށެވެ. ނަމަވެސް ޤަރާރު އަނބުރާ ގެންދަވާކަށް ނަޝީދު ބޭނުންފުޅެއް ނުވެއެވެ.
ނަޝީދުގެ ޤަރާރާ މެދު ނިމޭ ގޮތަކުން އެމްޑީޕީގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް ކޯޅުން ބޮޑުވާނެކަމަށް ބެލެވެއެވެ. ކޮންގްރެސްގެ އެންމެ ފަހު ނަންބަރަކަށް ނަޝީދުގެ ޤަރާރު ހަމަޖެެއްސީ މަސްލަހަތު ގެއްލުމުގެ ފުރުސަތު އޮވެދާނެތީކަމަށް ބެލެވެއެވެ.
ކޮންގްރެސްގެ އެޖެންޑާ އެކުލަވާލައިފައިވާއިރު, ކޮންްގްރެސްއަށް ނޮމިނޭޓްކޮށްފައިވާ ގޮފިތައް ތަމްސީލްކުރާ މަންދޫބުންގެ ޤާނޫނީ ހައިސިއްޔަތާމެދު, އެ ޕާޓީއަށް ނިސްބަތްވާ ގިނަ މެންބަރުން ކަމްބޮޑުވުން ފާޅުކުރަމުންދާކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް މިއަދު ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް ފޮނުއްވި ސިޓީގައިވެއެވެ. އެ ގޮތުން ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުން ނުވަތަ ނައިބު ރައީސުންގެ ޤާނޫނީ ހައިސިއްޔަތު ކަށަވަރުކުރުމަށްފަހު ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށް އެދިވަޑައިގެން, ކޮންގްރެސް ފަސްކޮށް ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
އަލްހަމްުދުލިއްލާހް.