ލޮލީ ނުގިރުވައި ވިއްކަން އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށާއި, އެ ގޮތުން ހިކުމަތްތެރިކަމާއެކު ރާއްޖެ ހިންގަން އޭނާއަށް އެނގިވަޑައިގަންނަވާކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޖާބިރު ވިދާޅުވީ ރާއްޖޭގެ ފޮރިން ސަރވިސްއަށް ދައުލަތުން ކުރަމުންދަނީ ވަރަށް ބޮޑު ހޭދައެއް ކަމަށާއި, އޭގެ ރިޓާނުގައި ލިބެނީ ވަރަށް ކުޑަ އެއްޗެއް ކަމަށެވެ. އެހެންކަމުން ބަޖެޓު ބެލެންސް ކުރަންޖެހޭ ކަމަށާއި ބަޖެޓް ފައިނޭންސް ކުރަންޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ބޭރުގެ ދަރަނިތައް ބޮޑުވެފައިވާއިރު އޭގެ މުގާބިލުގައި ލާރި ހޯދާނެ އެއްވެސް ގޮތެއް އޮޕަރޭޓްވެފައިނެތް ކަމަށެވެ. ނަމަވެސް ސަރުކާރުން އަދިވެސް ދައްކަނީ ޓެކްސް ނަގާ ވާހަކަކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ޓެކްސްއެއް ނުނަގާނެ ކަމަށާއި ޙިކުމަތްތެރިކަމާއެކު ރާއްޖެ ހިންގުމަކީ އެއީ ކަމަށެވެ.
''ލޮލީ ނުގިރުވައި ވިއްކުން އެއީ ވަރަށް ބޮޑު ވާހަކައެއް. ބިލިއަން ޑޮލަރުން މިއަދު މި އޮޕަރޭޓް ވަނީ އަޅުގަނޑުގެ ވިޔަފާރިތައް އެކަނި ވެސް'' ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ދެން އޮތް ހަމައެކަނި ޗޮއިސްއަކީ އޭނާ ކަމަށެވެ.
ޖާބިރު މީގެ ކުރިން ވިދާޅުވި ގޮތުގައި ފުރާވަރުގައި އޭނާއަކީ މާލޭގެ ގޭގޭގައި ''ގެންގުޅޭ'' ކުއްޖެއްގެ ގޮތުގައި އުޅުނު މީހެއް ކަމަށާއި, އެ ގޮތުން ދެ ގެއެއްގައި އުޅުނުއިރު އެ މީހުން ހަދާ ލޮލީ ވިއްކަން މަގުމަތީގައި އުޅުއްވި ކަމަށެވެ.