ރައީސް ޔާމީނާ ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކޮށްފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ޓިކެޓް, ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާ ރަސްމީކޮށް މިރޭ ހަވާލުކޮށްފިއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ކައުންސިލުގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
އެ ގޮތުން ރައީސް ޔާމީނާ ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ''ހަވާލޭ ވަޠަން'' ގެ ނަމުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ރިޔާސީ ޓިކެޓު ހަވާލުކޮށްދެއްވީ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) އެވެ.
ކާނިވާ ސަރަހައްދުގައި ކުރިއަށްދާ މި ޖަލްސާގައި ހުރިހާ ރަށެއް ތަމްސީލު ކުރާ އިދިކޮޅު މަންދޫބުން ވެސް ބައިވެރިވިއެވެ. އަދި މި ޖަލްސާގައި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ހިމެނޭހެން ޕީޕީއެމް/ޕީއެންސީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.