އެމްއެންޑީއެފް ހިނގަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށާއި, އެ ތަނުގައި ސިޔާސީ ނުފޫޒެއް ނެތްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި ރޭ އިރާކޮޅު ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ސިޔާސީ ނުފޫޒު ސިފައިންގެ ތެރެއަށް ވަންނަނީ, އެ ތަނުގައި ހުންނަ ވެރިމީހާ ހިތަށް އެރީމައި, ނުރުއްސެވީމައި ކުއްލިއަކަށް ޔުނިފޯމު ބާލާފައި ގެއަށްދާން ޖެހުމުން ކަމަށާއި, ނަމަވެސް މިއަދު އެކަން އެހެން ނުހިނގާނެ ކަމަށެވެ.
މާރިޔާ ވިދާޅުވީ ސިފައިންގެ ތެރޭގައި މިއަދު ކަންކަން ހިނގަނީ ލިޔެވިފައި އޮންނަ ވަކި ނިޒާމެއްގެ ތެރެއިން އަދުލުވެރިކަމާއެކުގައި އެ މީހުންގެ ވެސް ޙައްޤުތަކެއް އޮތްކަމަށް ދެކިގެން ކަމަށެވެ. އަދި ސިޔާސީ މީހަކު ހިތަށް އަރާއިރަށް އެވެނިމިވެނި މީހަކު ބޭރުކުރާ އުސޫލަކުން ނޫންކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
އެހެންކަމުން ސިފައިންގެތެރޭގައި ސިޔާސީ ކުޅިގަނޑެއް ނެތްކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
މާރިޔާގެ ވާހަކައިގައި ވަނީ މި ދައުރުގައި ސިފައިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ޝުކުރު ވެސް ދަންނަވައިފައެވެ.