ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

މެންބަރުންގެ އަދަދާ ގުޅޭ ގޮތުން ޤާސިމް ހުށަހެޅުއްވި އިސްލާހަށް ނަޝީދުގެ ތާއީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޤާސިމް އިބްރާހިމް އަދި ރައީސް މުޙައްމަދު ނަޝީދު

ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ބޭއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ.

Ads by Sosun Fihaara

ޤާސިމް ހުށަހެޅުއްވި އިސްލާހާ ގުޅިގެން ނަޝީދު މިއަދު ވިދާޅުވީ އެއީ ވަރަށް މުހިންމު އިސްލާހެއް ކަމަށެވެ. އަދި މަޖިލިސް އެކުލެވިގެންވާ ގޮތާއި, މަޖިލީހުގެ ދައުރާބެހޭ ގޮތުން ވިސްނުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

''ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމް އެ ހުށަހެޅުއްވި އިސްލާހަކީ މުހިންމު އިސްލާހެއް. މަޖިލިސް އެކުލެވިގެންވާ ގޮތާ އަދި މަޖިލިސްގެ ދައުރާބެހޭ ގޮތުން ވެސް ވިސްނުން ވަރަށް ބޭނުންތެރި.'' ނަޝީދު ކުރެއްވި ޓުވީޓުގައިވެއެވެ.

ޤާސިމްގެ އިސްލާހުގައި ވިދާޅުވެފައިވަނީ 07 އޮގަސްޓު 2008 އިން ފެށިގެން މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި މެންބަރުން އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު ކޮންމެ ފަސް އަހަރަކުން މެންބަރުން އިތުރުވަމުންދާ ކަމަށެވެ.

2008 ގެ ފަހުން މިހާތަނަށް ބޭއްވީ ތިން އިންތިޚާބެވެ. އެ ގޮތުން 2009 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި އިންތިޚާބުކުރި މެންބަރުންގެ އަދަދަކީ 77 އެވެ. 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި އިންތިޚާބުކުރި މެންބަރުންގެ އަދަދަކީ 85 ކަމުގައިވާއިރު, 2019 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި އިންތިޚާބުކުރި މެންބަރުންގެ އަދަދަކީ 87 އެވެ.

ޤާސިމް ވިދާޅުވީ 19 ވަނަ މަޖިލީހަށް އިންތިޚާބު ކުރެވުނު މެންބަރުންގެ ޢަދަދުކަމަށްވާ 87 އަކީ އެންމެ އެކަށީގެންވާ ޢަދަދުކަމަށް ފެންނަ ކަމަށާއި, އެހެންކަމުން މަޖިލީހަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަކީ 87 ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ބޭއްވުމަށްޓަކައި އިސްލާހު ހުށަހަޅާ ކަމަށެވެ.

Ads by HDC
  1. ނާޅި

    2009 ގައި އިންތިހާބުވި އަދަދަށް 77 މެމްބަރުން މަޖިލިސްގައި ތިބޭގޮތަށް އޮތުން އެންމެ ރަގަޅީ !