ޚަބަރު

ޖަލަށްގެނެވޭ ކޮންމެ މީހަކީވެސް އަނބުރާ މުޖުތަމަޢަށް ގެނެވޭ މީހެއް ކަމުގައި ހަދަންޖެހޭ: ފައިސަލް ނަސީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖަލަށްގެނެވޭ ކޮންމެ މީހަކީވެސް، ރިހިބިލިޓޭޓްކުރެވި އަނބުރާ މުޖުތަމަޢަށް ގެނެވޭ މީހެއް ކަމުގައި ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި ޤައިދީންނަށް ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާއި އެޕްރޮގްރާމްގެ ތެރެއިން ކުރިޔަށް ގެންދިޔަ ސެޓްފިކެޓް 1 އިން ހައުސްވަޔަރިންގ އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ads by STELCO

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޤައިދީންނާއި މެދު ދެކެން ޖެހޭނީ އަދި ބަލަންޖެހޭނީ އިޙްތިރާމާ އިހްސާންތެރިކަމާއި އެކު މަސައްކަތްކޮށް އަނބުރާ މުޖުތަމަޢަށް ނެރެވޭނެ މީހެއްގެ ގޮތުގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އެއްވެސް މީހަކާއި މެދު ތަފާތުކުރުމެއް ގެންގުޅެ، ވަކިގޮތަކަށް ކަންތައްތައް ކުރުން އެއީ، އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ މި މުޖުތަމަޢުގެ ތެރޭގައި ކަންތައްތައް ކޮށްގެންވާނެ ގޮތެއް ނޫންކަމަށެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި ވިދާޅުވީ، މުހިއްމުކަން ކުޑަ ހަމަ އެކަކުވެސް ނެތްކަމަށާއި އެހެންވީމާ އެންމެންގެ އަމާޒަކަށްވެސް ވާންޖެހޭނީ، ޖަލުގައި ތިބި ޤައިދީންނާއި ދޭތެރޭގައި އިޙްތިރާމާ އިހްސާންތެރިކަމާއި އެކު އަމަލުކޮށް އެފަރާތްތައް، އަނބުރާ މުޖުތަމަޢަށް އައުމުގެ ފުރުޞަތު ހޯދައިދީ އާއިލާތަކާއި އެކު ދިރިއުޅެން މަގު ތަނަވަސްކޮށްދިނުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކޮށްދިނުންކަމަށެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، މާފުށީޖަލުގައި ހިންގުނު ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ޤައިދީނަށް ވަނީ މަރުޙަބާ ދަންނަވައި ހިތްވަރު ދެއްވާފައެވެ. މިގޮތުން މިއަދު ސެޓްފިކެޓް ލިބުނު ފަރާތްތަކަކީ އަލުން އަނބުރާ ޖަލަށް ގެނެވޭނެ މީހަކަށް ނުވުމުގެ އަޒުމް ކަނޑައެޅުއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ މިޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކޮށް، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާފައެވެ.

މާފުށީ ޖަލުގައި ކުރިޔަށް ގެންދިޔަ ޑްރަގް ރިހެބިލިޓޭޝަން މިޕްރޮގްރާމްއަކީ، މަސްތުގެ ވަބާގައި ޖެހިފައިވާ ޤައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ހަތަރު މަރުހަލާއަކަށް ކުރިއަށް ގެންދާ މިޕްރޮގްރާމް ފަށާފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގައެވެ. ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާއި، ސެޓްފިކެޓް 1 އިން ހައުސްވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި 32 ޤައިދީނަށް މިއަދު ވަނީ ސެޓްފިކެޓް ދީފައެވެ. އެފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބުދުﷲ އާއި މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު ބައިވެރިވެވަޑައިގެންނެވިއެވެ.

  1. އަބްދޫ

    ތިޔަ ވިދާޅުވި ވާހަކަ ރަނގަލެއްނޫން .ޖަލަށް ލެވޭ ކޮންމެ މީހެއްގެ މައްޗަސް ވެސް ގާނޫނު ތަންފީޒުކުރެވެން ޖެހޭ. ގާނޫނުގަބުނާކުށް ކުރުމުން ލިބޭ އަދަބު ތަންފިޒުވާންޖެހޭނެ. މުޖްތަމައުގަ ރަނގަޅުމީހެއްގެގޮތުގަ އުޅެން ބޭނުން ނުވާމީހާ ކިތަންމެވަރަކަށް ގެނަޔަސް އެމިހަކަށް މުޖްތަމައަކު ނުހުރެވޭނެ. އެފަދަމީހުންގެ ސބަބނުން މުޖްތަމައުވާނީ ހަލާކު. ހުކުމްތަންފިޒުވެ ނިމުމުން އެބުރި މުޖްތަމައަށް އައުމުގ ފުރުސަތު އެންމެނަށް އޮތީ ހުޅުވިފަ. ގެންނަން ނުޖެހޭނެ.