ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް, ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމަށް ނިންމުމުން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ސަރުކާރަށް ފާޑުވިދާޅުވެ, ތުހުމަތުތަކެއް ކުރައްވައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮޮފީހުން އިއްޔެ ބުނީ, ފަނޑިޔާރުންނަށް ލިބިދޭ އިނާޔަތްތަކުގެ އޮނިގަނޑު އިސްލާހުކުރުމަށާއި, އެ ނޫން ވެސް ބައެއް އިސްލާހުތައް ގެނައުމަށްޓަކައި ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ފޮނުވާފައިވާނެ ކަމަށެވެ.
އެ އިސްލާހުގައި ފަނޑިޔާރުންގެތެރެެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖައްސަން ޤާނޫނުގައި ކަނޑައެޅުން ހިމެނެއެވެ.
އެކަމާ ގުޅިގެން ލިޔެފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓެއް ޓްވިޓާގައި ހިއްސާކުރައްވައި ޝިޔާމް މިއަދު ވިދާޅުވީ އެއީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރީޢަތަށް ނުފޫޒު ފޯރުވުން ކަމަށެވެ.
''ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ފަނޑިޔާރުންނަށް ފުލެޓާއި ގޯތި'' ޝިޔާމް ވިދާޅުވިއެވެ.
އޭގެ އިތުރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ޖުޑިޝަރީގެ ތަމްރީނުތައް ވެސް ދިވެހި ސަރުކާރުން ކުރިއަށް ގެންދަނީ އިންޑިޔާއާ ގުޅިގެންކަމަށް ވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.
''ވެރިކަން ކުރާ ޕާޓީގެ އިސްވެރިން އިންޑިޔާއަށް ހާޒިރުކޮށް ރައީސް ޔާމީން ޖަލަށް ލުމަށް އަމުރު. އަޅުދާސްތު ވާނީ މިހާކައްވަރަށް. ފަނޑިޔާރުގޭގެ އިންސާފުވެރިކަން'' ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ފޮރިން މިނިސްޓަރު ޑރ.ޖައިޝަންކަރާއެކު ނަގާފައިވާ ފޮޓޯ ހިއްސާ ކުރައްވައި ކުރެއްވި ޓުވީޓުގައި ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލަށްލުމަށް ޑރ.ޖައިޝަންކަރު ރައީސް ޞާލިޙަށް އެންގެވިކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ޚަބަރާ ގުޅިގެން ރައީސް އޮފީހުން މިއަދު ބުނީ, އެއީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ.
މިތާގައި މީހުން ޖަލަށްލެވެނީވެސް އިންޑިޔާއިން އެންގީމަތޯ މިހާރު؟
ޝިޔާމު ތި ވިދާޅުވީ ވަރަށްބޮޑު ތެދުފުޅެއް.