އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބާމެދު ޖުމްހޫރީ ޕާޓީން ކުރިއަށްދާނެ ގޮތެއް ނިންމުމަށްޓަކައި ބާއްވާ އެ ޕާޓީގެ ޤައުމީ ކޮންގްރެސް މި އަހަރުގެ ޑިސެމްބަރުމަހުގައި ބާއްވަން ނިންމައިފިއެވެ.
ޖޭޕީގެ ސެކްރެޓޭރިއަޓުން މިހާރު ދަނީ ކޮންގްރެސް ބާއްވާން ވާންޖެހޭ ތައްޔާރީތައްވަމުންނެވެ.
ޖޭޕީގެ 146 ވަނަ ކައުންސިލު ބައްދަލުވުމުގައި ވަނީ ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތް ކަމަށްވާ ޕާޓީގެ ރަށު ގޮފިތައް އަސާސީ ގަވާއިދާ އެއްގޮތަށް އެކުލަވާލައި, ފުރިހަމަކުރުމަށްޓަކައި ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއެއް ނަގާފައެވެ. އެ ކޮމިޓީގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ގޮފިތައް ހެދުމަށް ޕާޓީއަށް ހެޔޮއެދޭ މީހުންނަށް ވަނީ ފުރުސަތު ވެސް ހުޅުވާލައިފައެވެ. އެކަމާގުޅޭ މަޢުލޫމާތު ޖޭޕީގެ ރަޖިސްޓްރާގެ އޮފީހުންނާއި ޕާޓީގެ އިދާރާއިން ލިބޭނެއެވެ.
ޖޭޕީގެ ކޮންގްރެސްގައި ޖޭޕީގެ ކައުންސިލު އަލުން އިންތިޚާބު ކުރާނެއެވެ. އަދި ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނީ ވަކިންތޯ ނުވަތަ ކޯލިޝަނެއްގެތެރެއިންތޯ ނިންމާނެއެވެ.
ސިޔާސީ ގޮތުން ޖޭޕީން ނިންމާ މުހިންމު ނިންމުންތަކަށް ކޮށައިލެވޭ މަގަކަށް މި ކޮންގްރެސްވާނެކަމަށަ އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ޖޭޕީގެ ފަރާތުން ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ވެސް ނެރުއްވާނެކަމަށް ޤާސިމް ވިދާޅުވެފައި ވެއެވެ.