ދުނިޔެ

ޕާކިސްތާނުގެ ކޮންމެ އާއިލާއަކަށް 112 ޑޮލަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 1,000 އަށްވުރެ މައްޗަށް އަރައިފިއެވެ. ޕާކިސްތާނުގެ އުތުރާއި ދެކުނުގެ ބޮޑު ސަރަޙައްދުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. ގިނަ ރަށްތައް ވަނީ ފެނު އަޑީގައެވެ. ފެންބޮޑުވުމާ ގުޅިގެން 30 މިލިޔަނަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.

Ads by Sosun Fihaara

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުގެ ސަރުކާރަށް ވަނީ ދަތިވެފައެވެ. އަދި، މާލީ އެހީއަށް ބޭނުންވެފައެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ވަނީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލީ އެހީ ދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ.

"ފެންބޮޑުވުމާ ގުޅިގެން މިހާވަރުގެ ގެއްލުންތަކެއް ލިބުނު މަންޒަރު ކުރިއަކުން ދުވަހަކު ވެސް ނުދެކެން. ލިބިފައިވާ ގެއްލުމުގެ ވާހަކަތައް ދައްކަން ވެސް، ކިޔައިދޭން ވެސް އުނދަގޫ. މީގެ ސަބަބުން އިޤްތިޞާދަށް ވަރަށް ބޮޑަށް އަސަރު ކުރާނެ،" ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ-ޒަރުދާރީ ވިދާޅުވިއެވެ.

ޕާކިސްތާނުގެ އިޤްތިޞާދު މިހާރު ވެސް އޮތީ ހީނަރުކަމެއްގެ ތެރޭގައެވެ. ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ. އަދި، އެ ޤައުމުގެ ފައިސާގެ އަގު ވަނީ ވެއްޓިފައެވެ. މި ކަމުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ޕާކިސްތާނުގެ ބެއިލްއައުޓް ޕުރޮގުރާމުގެ ދަށުން އެ ޤައުމަށް 1.2 ބިލިޔަން ޑޮލަރު ދިނުމާ ގުޅޭ ގޮތުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)އިން މި ހަފުތާގައި ގޮތެއް ނިންމާނެއެވެ.

"އައި.އެމް.އެފް. އެކަންޏެއް ނޫން، މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމަށް ޕާކިސްތާން މި ވަގުތު މި ވަނީ ބޭނުން ޖެހިފައި،" ބުއްޓޫ-ޒަރުދާރީ ވިދާޅުވިއެވެ. އެމެރިކާއާއި އިނގިރޭސި ވިލާތުގެ އިތުރުން އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އިން ވެސް ވަނީ ޕާކިސްތާނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މޫސުމީ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ދެކުނުގައިވާ ސިންދު ޕުރޮވިންސަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޕާކިސްތާނުގެ އިތުރު ސަރަޙައްދުތަކަށް ފެންބޮޑުވުމާ ކުރިމަތިލާން ޖެހޭ ކަމަށް އެ ޤައުމުގެ އޮފިޝަލުން ބުނެއެވެ. ސިންދު ޕުރޮވިންސުގެ ބައެއް ސަރަޙައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑު، މިހާރު ދަނީ ތިރި ރަށްތަކާއި އަވަށްތަކަށް ފެތުރެމުންނެވެ. ސިންދު ޕުރޮވިންސުގެ އިތުރުން އުތުރުގައިވާ ޚައިބަރް ޕަޚްތުންޚްވާއަށް ވެސް ފެންބޮޑުވުމުގެ އަސަރު ދަނީ ކުރަމުންނެވެ.

ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ނިންމަވާފައެވެ. އަދި، މި ކަމަށް ޚާއްޞަކޮށް 45 މިލިޔަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅުއްވާފައެވެ. އަދި، ހާލުގައި ޖެހިފައިވާ ކޮންމެ ޢާއިލާއަކަށް 112 ޑޮލަރު އެހީގެ ގޮތުގައި ދިނުމަށް ނިންމާފައެވެ. ފެންބޮޑުވުމާ ގުޅިގެން އެ ޤައުމަށް ލިބިފައިވާ ގެއްލުމުގެ އަގު 4 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

Ads by Allied Insurance
  1. ޕާކިސްތާން އެމްބަސީގައި ފަނޑު ފޮއްޓެއް ބަހައްޓާ ދިނުން އެދެން ދިިވެހިން ޕާކިސްތާނަށް އެހީވުމަށް !