Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ދީން

ޒާތީ މަސްލަހަތު ކުރިޔަށް ނެރެގެން ކާމިޔާބެއް ނުހޯދޭނެ: ޚުތުބާ

ޒާތީ މަސްލަހަތު ކުރިޔަށް ނެރެގެން ކާމިޔާބެއް ނުހޯދޭނެ: ޚުތުބާ

ޒާތީ މަސްލަޙަތު ކުރިއަށްނެރެ ޤައުމުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން އަމިއްލަ އަތްތަކުން ނަގާލާ ބަޔަކަށް ދިވެހިން ނުވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

އަދި ބަދަލުވަމުންދާ ދުނިޔޭގައި ދީނީ ޝިޢާރުތަކުގައި ގަދައަށް ހިފެހެއްޓުމަށް ޚުޠުބާގައިވަނީ ހަނދާންކޮށްދެއްވާފައެވެ.

މިދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބައިބައިވުމާއި ދެކޮޅުވެރިކަމާއި ހަނގުރާމަތަކާއި ލޭ އޮހޮރުވުން ޢާއްމުވެފައިވާ ދުވަސްވަރެއްކަން ފާހަގަކޮށް ހުކުރު ޚުޠުބާގައި ވިދާޅުވީ އެދަފަ ޒަމާނެއްގައި ޤައުމުގެ ހަމަޖެހުން ޤާއިމުވެވޭނީ އަމިއްލަ މަސްލަޙަތު ފަހަތަށްޖައްސާލާ ޤައުމާއި މުޅި މުޖުތަމަޢުގެ ހަމަޖެހުން އިސްކޮށްގެންކަމަށެވެ.

Advertisement
Allied — Dhen Online (box)

މަޤާމުގެ އާރާއި ބާރުގެ ބޭނުންކޮށް އެކަކު އަނެކެއްގެ މައްޗަށް ބާރުފޯރުވުމަށް މަސައްކަތްކުރަމުންދާ މިޒަމާނުގައި ރާއްޖޭގެ އިޤްތިޞާދާއި އަމާންކަން ކަށަވަރުކުރުމަށް ހުރިހާ ދިވެހިން ގަދައަޅައި މަސައްކަތްކުރަންޖެހޭ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އެގޮތުން ޤައުމާއި މުޖުތަމަޢުގެ މަސްލަޙަތަށްވުރެ ބޮޑަށް ތިމާމެންގެ ޒާތީ މަސްލަޙަތު ކުރިއަށްނެރޭބަޔަކަށް ނުވުމަށް ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ.

އިސްލާޙުކުރުމުގެ ނަމުގައި އެއްބަޔަކު އަނެއްބައެއްގެ އަބުރާއި ޝަރަފު ނަގާލާ ސިއްރުތައް ހާމަކުރުމަކީ މަދުން ނަމަވެސް ފެންނަ މަންޒަރެއްކަމަށާއި އެއީ މުޖުތަމަޢު ފަސާދަވެދާނެކަމެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އިންސާފު ޤާއިމުކުރުމަކީ އެކަންކަން މަތިކޮށްފައިވާ މުވައްސަސާތަކުގެ ޒިންމާއެއްކަމާއި އެކަންކަމަށް ޢާއްމުން ވަދެ ނިޔާ ކަނޑައެޅުމަކީ ބިރުވެރިކަމެއްކަމަށް ޚުޠުބާގައިވަނީ ވިދާޅުވެފައެވެ. އަދި ތިމާމެންގެ އަމިއްލަ އެދުން އިސްކޮށްގެން ޤައުމުގެ ހަމަޖެހުން ނަގާލާ ފަސާދަ ޢާއްމުވެއްޖެނަމަ އެއީ މާތްﷲގެ ޢުޤުބާތް އެބަޔަކާއި ދާދި ގާތުގައިވާކަމެއްކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ޤައުމެއްގައި އޮންނަންޖެހޭ އެކުވެރިކަމާއި އުޚުއްވަތްތެރިކަން ނެތި ޤައުމު ބައިބައިވެއްޖެނަމަ އަލުން ކުރީގެ ޙާލަތަށް ރުޖޫޢަވުމަކީ އުނދަގޫކަމެއްކަން ފާހަގަކުރައްވާ ޚުޠުބާގައިވަނީ އެފަދަ ޙާލަތަކަށް ޤައުމު ވައްޓާނުލުމަށް އެންމެން ދީނުގެ މަތިވެރި ޝިޢާރުތަކުގައި ގަދައަށް ހިފަހައްޓަންޖެހޭކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް