އެއް މިލިޔަން ޑޮލަރު ހޯދަން ބީއެމްއެލް ގޮވައިގެން ރައީސް ޔާމީން ކޯޓަށް
ރައީސް ޔާމީނާއި އޭސީސީއާ ދެމެދު ހުޅުވި އެސްކްރޯ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ހޯއްދަވަން ދައުވާކުރައްވާނެ ކަމަށް އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ، ސަންގު ޓީވީއަށް އެމަނިކުފާނު ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ޔާމީން ވިދާޅުވީ އޭސީސީއާއެކު ހެދި އެސްކްރޯ އެއްބަސްވުމުގައި އެއް އަހަރުތެރޭ އެ ފައިސާ އަކީ ދައުލަތުގެ ފައިސާ ކަމަށް ކަނޑަނޭޅިއްޖެނަމަ އެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވާންޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ޔާމީން ވިދާޅުވީ އެއްބަސްވުމުގައި އެގޮތަށް ބަޔާން ކޮށްފައިވިޔަސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެ ފައިސާ އަދިވެސް ޖަމާކޮށްދީފައި ނުވާ ކަމަށެވެ.
"އެކަމަކު ބޭންކް އޮފް މޯލްޑިވްސްއިން އަދިވެސް އެކަން ކޮށްދޭކަށް ނޫޅޭ. ދެން މިހާރު އެ މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް ގޮވައިގެން ކޯޓަށް ދިޔުމުގެ މަގުމަތީގައި މިއުޅެނީ،" ޔާމީން ވިދާޅުވިއެވެ.
އެސްއޯއެފް އެކައުންޓުން އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާތަކަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ނޫންކަމަށް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ލިބިފައިވާ ފައިސާ އަކީ ސިޔާސީ ހަރަކާތްތަކަށް ހޯދާފައި ހުރި ފައިސާ ކަމަށާއި އެ ފައިސާ ދިން ފަރާތްތަކުގެ ތަފްސީލަށް ދާން ބޭނުން ނުވާ ކަމަށެވެ.
"އެއީ އަޅުގަނޑުގެ އެކަނި ހައްގެއް ވެސް ނޫން. ފައިސާ ދިން ފަރާތްތަކުގެ ވެސް ހައްގެއް. އެހެންވީމަ އެ ސްޕެކިއުލޭޝަނަށް ދާން ބޭނުން ނުވަނީ. އެއީ ޑިސްކްލޯސް ކުރަން ޖެހޭ މައުލޫމާތެއް ނޫން. ޑިސްކްލޯސް ކުރަންޖެހޭ މައުލޫމާތަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ބޭނުންކޮށްފައި ހުރީ ކޮން ފައިސާއެއްތޯ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސު އަށް ވަރަށް ގިނަ ވިޔަފާރި ވެރިމީހުން ފައިސާ ދިންކަމަށް ބުނި، އެއީ ކީއްވެގެންދޭ ފައިސާތޯ ؟