ރިޕޯޓް

"ދާލު އިން ސީނު" ދެކުނުގެ އުދާސްތައް ރައީސަށް ހުށަހަޅަން ތައްޔާރު!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

(ލ. ގަން) ލ. ގަމު ތުނޑީ ސަރަހައްދުގެ ބޯޅަ ދަނޑުގައި މީގެ ހަފްތާއެއް ކުރިން ބޮޑު ހަރުުގެއެއް އަޅަން ފެށިއެވެ. ބޮޑު އުންމީދަކާއެކުގައެވެ. ނިލަންދެ އަތޮޅު ދެކުނުބުރިން ފެށިގެން ހުވަދޫގެ ކައުންސިލްތަކުގެ ރައީސުންނާއި އައްޑޫ ފުވައްމުލަކުގެ މޭޔަރުންނަށް މީގެ ދެ ދުވަސް ކުރިން ރަށުން މަރުޙަބާ ވެސް ކީ ހަމައެ އުންމީދާ އެކުގައެވެ. އެންމެން އެކުވެ، އަމިއްލަ ރަށުގެ ބާރުވެރިކަން އިތުރު ކުރުމުގެ މަޤްސަދުގައެވެ. ނިޒާމީ ވެރިކަމެއް މިއޮއްހާ ދުވަސް އޮތް ރާއްޖޭ، ލާ މަރުކަޒު ކުރަން ކުރަމުންދާ މަސައްކަތަށް އޮތް ހުރަސްތަކާމެދު މަޝްވަރާ ކުރަށެވެ. ފިއަވަތި ކޮންފަރެންސަށް ތައްޔާރުވުމަށް އޮތް ފަނޯއްލަ ދަރުބާރުން ދޮންވެ، ފައްކާ ވެގެން ކައުންސިލަރުން މިއަދު އެތިބީ އެމީހުންގެ އުދާސްތައް ބަންޑުންކޮށްލަން ތައްޔާރަށެވެ.

Ads by Sosun Fihaara

ފަނޯއްލަ ދަރުބާރުގެ ތެރެއިން.. ދެން އިމޭޖްސް

މިފަހަރުގެ ދަރުބާރުގައި ހަތަރު ދާއިރާއެއް

މިއަހަރު އޮތް ފަނޯއްލަ ދަރުބާރުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ހަތަރު ދާއިރާއަކުންނެވެ. އެއީ; ލާމަރުކަޒީ ނިޒާމުގައި ބައިވެރި ކުރުމާއި ރައްޔިތުން ބައިވެރި ކުރުވައިގެން ޑިވެލޮޕްމެންޓްގެ ކަންކަން ކުރިޔަށް ގެންދިއުމާއި ގުޅޭ ގޮތުންނާއި، ޑިސްކަސް ކުރެވިގެންދާނީ ލޭންޔޫސް ޕްލޭންއާއި ބިންތައް ބޭނުން ކުރުމާއި ގުޅޭ ގޮތުންނާއި، ކައުންސިލްތަކަށް އާއްމުދަނީ ހޯދުމަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުންނާއި މޫސުމީ ބަދަލުތަކަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ވިލުންތެރި މުޖުތަމައެއް ބިނާ ކުރުމާއި ގުޅޭ ގޮތުންނެވެ.

ހަތަރު ގްރޫޕަކަށް ބަހާލައިގެން މިއަދާއި އިއްޔެ ކުރިޔަށް ދިޔައީ، މިދާއިރާތަކުން މަޝްވަރާ ކުރުމާއި، ހުރި ގޮންޖެހުންތަކާއި އެކަންކަމުގެ ހައްލާމެދު މަޝްވަރާ ކުރުމެވެ. މިގޮތުން ކޮންމެ ގްރޫޕަކުން ވެސް ގިނަ ކަންކަން ވަނީ ހުށަހަޅާފައެވެ.

ހައްލު ލިބޭނެ ކަމާމެދު ކައުންސިލަރުން ތިބީ އުންމީދުގައި

ދެ ދުވަހުގެ މުއްދަތަކަށް ހަތަރު ސެޝަނަކަށް ބަހާލައިގެން ކުރިޔަށް ދިޔަ މަހޯއްލި ދަރުބާރުގެ ހުށަހެޅުންތައް މާދަމާ އޮންނަ ވިއަވަތި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނަށް ހުށަހަޅާނެއެވެ.

ހުށަހެޅުންތައް ހުށަހެޅުމަށް ކައުންސިލަރުން ތިބީ މުޅިން ތައްޔާރުވެގެންނެވެ.

"ދެން"އާ ވާހަކަ ދެއްކެވި ލާމު އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވިދާޅުވީ، ކުރީގެ މިފަދަ ކޮންފަރެންސްތަކުން ވެސް ނަތީޖާ ނެރެވިފައިވާތީ، ތިބީ ވަރަށް އުންމީދުގައި ކަމަށެވެ.

"މީގެ ކުރީގައި ބޭއްވި ދަރުބާރުތަކުގައި ވެސް ހައްލު ނުވެ ހުރި މައްސަލަތަކުގެ ވާހަކަތައް ވެސް އެބަހުރި ދެކެވިފައި، މައްސަލަތައް ހައްލުވެފައި ވެސް އެބަހުރި. ހައްލު ނުވެ ހުރި ކަންކަން އަލުން އެޑްރެސް ކުރަން ވެސް ލިބުނު ފުރުސަތެއް." އިސްމާއިލް އަލީ ވިދާޅުވިއެވެ.

އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ނުޝްތަތު ރަޝީދު ވެސް ހުރީ ޑަބްލިއުޑީސީގެ ހިންގުން ހަރުދަނާ ކުރަން ހުރި ގޮންޖެހުންތައް ހައްލު ކުރާނެ ގޮތް ހުށަހަޅަން ތައްޔާރުވެގެންނެވެ.

"މިކަމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް" ނުޝްތަތު ރަޝީދު ވިދާޅުވިއެވެ.

ގއ. ދާންދޫ ކައުންސިލް މެންބަރު ނަސްރާ އަލީ ވެސް ހުންނެވީ ހުށަހެޅުންތައް ހުށަހަޅައިގެން ހައްލު ވާނެ ކަމަށް ގަދަ އުންމީދުކޮށްނެވެ.

"އަޅުގަނޑުމެން ލާމަރުކަޒީ ނިޒާމުގެ ފޮނި ނިޒާމުގެ މީރުކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރަން. މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް އުންމީދު ކުރަން" ނަސްރާ ވިދާޅުވިއެވެ.

ދ، ތ، ލ، ގއ، ގދ، ގެ ރަށްރަށާއި އަތޮޅު ކައުންސިލްގެ ރައީސުން އަދި ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލައް އަދި އައްޑޫގެ މޭޔަރުންގެ އިތުރުން އެ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ނޯޓްފޮތްތައް މިއަދު ފުރާލިއެވެ. އުދާސްތައް ބޭރުކޮށްލާށެވެ. މުހިންމު މަސައްކަތެއްގެ ފެށުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!