މާލެ ބަދަލުވާން މަޖުބޫރު ކުރީ ސިޔާސަތުތަކުން، ރައީސް ބޭނުންފުޅުވަނީ ރަށްފުށުގެ ތަނަވަސް ދިރިއުޅުން އަނބުރާ އިޔާދަ ކުރަން
(ލ. ގަން) "މި ސަރަހައްދަށް ބެލިޔަސް، ފުދުންތެރި ދިރިއުޅުމެއް އުޅުނު ރަށްތައް ބައިވަރު. އައްޑޫ، ފުވައްމުލަށް، ތިނަދޫ. ސީދާ އެ ރަށަކުން ކޮޅުނބަށް، އިންޑިއާއަށް ދަތުރުކޮށް، މުދާ ގެނެސް، ވިއްކާ، ރަނގަޅު އިޤްތިޞާދެއް އެރަށެއްގައި އުފައްދާ ކުރިޔަށްދިޔަ ރަށްރަށް އެބަހުރި." މީގެ އަހަރުތަކެއްގެ ކުރިން ދެކުނުގެ ރަށްތަކުގެ އިޤްތިޞާދީ ހާލަތު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސިފަ ކުރެއްވީ މިހެންނެވެ.
ހައްދުންމަތީ ގަމުގައި ފާއިތުވި ދެ ދުވަހު ދެކުނުގެ ކައުންސިލަރުންނާއެކު ބޭއްވި ކޮންފަރެންސް ނިންމަވާލައްވަމުން ރައީސް ޞާލިޙް ވަނީ އެމަނިކުފާނު ރާއްޖެއާމެދު ދެކެވަޑައިގަންނަވާ ތަސައްވަރު ހިއްސާކޮށްދެއްވާފައެވެ.
ރައީސް ހިއްސާ ކުރެއްވީ މާލެއަށް ދާން މަޖުބޫރު ކުރުވި ހާލަތެވެ. މާލެ ތަރައްޤީކޮށް، އަތޮޅުތެރެ ބިކަކޮށްލި ސިޔާސަތުތަކެވެ. ދުރުނޫން މާޒީގައި ދެކުނު އުޅެމުން ދިޔަ ފުދުންތެރި ދިރިއުޅުމެވެ. ވެރިން އެ މީހުންގެ ގޮޑިކޮއްކޮއަކަށް ރަށުގެ ބޮޑުން ހަދާ، ރައްޔިތުން ކޮންޓްރޯލް ކޮށްފައި ބައިތިއްބަން ނިންމި ކޮސް ސިޔާސަތުގެ ވާހަކައެވެ. ވިދާޅުވީ ޚުލާސާކޮށެވެ. އެހެންނަމަވެސް ހުޅުވައިދެއްވީ ބޮޑު ބަހުސެކެވެ.
"މި ސަރުކާރުގެ ޕްލޭނަކީ ޖަޒީރާކޮށް ރަށްރަށް ތަރައްޤީކޮށްގެން ކުރިޔަށް ގެންދިއުން" ހޯލު ގުގުމާލީ ރައީސްގެ މި ވާހަކަފުޅުންނެވެ. "އަޅުގަނޑު ބޭނުންވަނީ މިހެން ހުރި ކަންކަން ރަނގަޅުކޮށް، އަލުން އެނބުރި ރަށްފުށުގެ ތަނަވަސް ދިރިއުޅުން އަނބުރާ އިޔާދަ ކުރުން"
ދެން ރައީސް ދެއްކެވީ، މިސަރުކާރުން ކުރަމުން އަންނަ މަސައްކަތެވެ، "ކޮންމެ ބޭނުމެއްގައި އަދި ވެސް މާލެއަށް ދާން ޖެހޭ ވާހަކައެވެ. އެކަން ބަދަލު ކުރެވޭނެ ގޮތްތަކުގެ ވާހަކައެވެ.
"ރައްޔިތުންނަށް ޔަޤީންކަން އޮންނަން އެބަޖެހޭ ރަށުގައި ތިބެގެން ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެކަން. އެ ޔަޤީންކަން ކޮންމެ ރަށެއްގައި އޮންނަން ޖެހޭ. ދަރިފުޅަށް ރަނގަޅު ތައުލީމެއް ދެވޭނެކަމުގެ ޔަޤީންކަން އޮންނަން ޖެހޭނެ. ސިއްޙީ ޚިދުމަތް ކައިރިން ލިބޭނެ ކަމުގެ ޔަޤީންކަން އޮންނަން ޖެހޭނެ. ވަޒީފާ ކައިރިން ހޯދެން ޖެހޭނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ކޮންފަރެންސް، ލ. ގަމުގައި ބޭއްވުނު އިރު، މިކޮންފަރެންސްގައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން، 107 ބައިވެރިންނާއި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރު ކުންފުނިތަކާއި ފަންނީ ދާއިރާތަކުގެ ބޭފުޅުންނާއި އެކު ޖުމުލަ 270 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮން ޒަމާނެެއްގަތޯ ރަށްފުށުގަ ތަނަވަސް ދިރިއުޅުމެއް އޮތީ އިޔާދަކުރަން ވިދާޅުވާއިރު،