ޚަބަރު އިޖުތިމާޢީ ސަރުކާރު

ޑްރަގް މައްސަލަ ހައްލުކުރުން: ގެމަނަފުށިން މިސާލު ނެގުމަށް ރައީސް ގޮވާލައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ފުރަތަމަ ރަށްކަމަށްވާ ގއ.ގެމަނަފުށިން މިސާލު ނަގައިގެން, މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ފެށުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

Ads by STELCO

ލ.ގަމުގައި ބޭއްވި ވިޔަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ތިން ކަންތަކުގެ ވާހަކަ ވިޔަވަތި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ދައްކަވާފައިވާނެ ކަމަށެވެ.

ވިޔަވަތި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖެ ލާމަރުކަޒު ވަމުންދާއިރު ސަރުކާރާއި ކައުންސިލްތަކުން ރިޢާޔަތް ކުރަންޖެހޭ އިޖުތިމާޢީ މައްސަލަތަކުގައި ވަނީ ބޮޑު ތިން ކަންތައް ކަމަށެވެ. އެއީ ޒަމާންތަކަކަށް ވޮޑެމުން އައި އަކިރިގަނޑަކަށް ގޮށްރާޅު އެރުންފަދަ ކަމެއް ކަމަށާއި އެއީ އެއްވެސް ބަޔަކަށް އެކަނި ހައްލު ނުކުރެވޭނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

”ހަރުކަށި ފިކުރާއި، ގޭންގް ކުށްތަކާއި، މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގެ އިޖުތިމާޢީ އުފާ ފާގަތި ކަމަށް އެޅިފައިވާ އެންމެ ކަޅު ހިޔަނި.'' ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވެފައި ވެއެވެ.

އެ ކަންކަން ފާހަގަ ކުރައްވައި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ކަންތައްތަކާ ބެހޭގޮތުން އެމްއެންޑީއެފާއި, ޕޮލިހުން މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުގެ ވާހަކަ ވަރަށް ތަފްސީލުކޮށް ކޮންފަރެންސްގައި ހާމަކުރައްވާފައިވާ ކަމަށެވެ.

''ރާއްޖޭގެ ސަރަހައްދު ހިމާޔަތް ކުރުމާއި, މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކުމުގައި ހުރި ގޮންޖެހުންތައް ހުރަސްކުރުމަށްޓަކައި އެ ބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެ ހިއްސާ ކުރެއްވީ. ކައުންސިލް ފެންވަރުގައި މިކަމުގައި ވަރަށް ބޮޑަށް އެހީތެރިކަން އަޅުގަނޑުމެން ބޭނުންވޭ.''

''މީގެ މިސާލެއް އެ އޮތީ ގެމަނަފުށިން ފެންނަން. އެ މިސާލު ތިޔަ ބޭފުޅުން ނަންގަވައިގެން ޕޮލިސްއާ އެކީގައި މަސައްކަތްތަކެއް މިއަދުން ފެށިގެން ކުރައްވަން ފަށްޓަވާ. އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް މިކަމުން އަރައިގަނެވޭނެ. އަރައިގަނެވޭނީ މި ދެންނެވިހެން ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލްތަކާއި އަދި އަމިއްލަ ފަރުދުންގެ ފެންވަރުގައި މިކަމުގައި އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރެވިގެން.'' ރައީސް ވިދާޅުވިއެވެ.

ކޮންފަރެންސްގައި ފުލުހުންގެ  ފަރާތުން ހުށަހެޅި ޕްރެޒެންޓޭޝަންގައި ބުނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފަސް ރަށެއް ކަނޑައެޅި ކަމަށެވެ. ނަމަވެސް އެ ރަށްރަށުގެ ތަފްސީލެއް ދީފައެއް ނުވެއެވެ.

ނަމަވެސް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވިފައިވާކަމަށް ސަރުކާރުން ރަސްމީކޮށް އިއުލާނުކޮށްފައިވާ ފުރަތަމަ ރަށަކީ 1900 އެއްހައި މީހުން ދިރިއުޅޭ ގެމަނަފުށްޓެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!