ދެކުނުގެ ވިއަވަތި ކޮންފަރެންސް ނިންމާލައިފި؛ ރައީސް ވިދާޅުވީ ބޮޑު އާބާދީއަކަށް ބަލާއިރު ޝަކުވާ މަދުކަމަށް
ދެ ދުވަހުގެ މުއްދަތަށް ލ. ގަމުގައި ދެކުނު ރަށްތަކުގެ ކައުންސިލަރުންނަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އަމާޒުކޮށްގެން ބޭއްވި ވިއަވަތި ކޮންފަރެންސް ނިންމާލައިފިއެވެ.
މިއީ މިގޮތަށް ބޭއްވުނު ތިންވަނަ ކޮންފަރެންސެވެ. މި ކޮންފަރެންސްގައި ދ އަތޮޅުން ފެށިގެން ގދގެ ކައުންސިލްތަކުގެ ރައީސުންނާއި އައްޑޫ، ފުވައްމުލަކުގެ މޭޔަރުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައިސުން ހިމެނޭ ގޮތަަށް 100އަށްވުރެ ގިނަ ކައުންސިލަރުން ވަނީ ބައިވެރިވެފައެވެ.
ހަތަރު ވަނަ ވިއަވަތި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރު ޖެނުއަރީ މަހު ހދ. ކުޅުދުއްފުށީގައެވެ.
މި ކޮންފަރެންސް ނިންމާލުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ، މިފަަހަރު ކޮންފަރެންސް ކަމިޔާބު ކަމަށާއި، ޝަކުވާތަކާއި ޚިޔާލުތައް އަޑު އިވިއްޖެ ކަމަށެވެ. ނަމަވެސް ހީކުރީ ގޮތާ ޚިލާފަށް ޝަކުވާތައް މަދުކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑަށް ފާހަގަ ކުރެވުނީ އުކުޅަހުގައި ބޭއްވި މި ބައްދަލުވުމުގައި އެއައި ޝަކުވާތަކަށްވުރެ މި ބައްދަލުވުމުގައި އައި ޝަކުވާތައް މަދުކަމަށް. ހީކޮށްގެން ހުރީ ދެކުނުގެ ބޮޑު އާބާދީއެއް ތަމްސީލް ކުރާ، 100އަށްވުރެ ގިނަ ކައުންސިލަރުން އައި. ހީކުރީ ބޮޑެތި ކަންބޮޑުވުންތަކާއި ޝަކުވާތައް އަންނާނެ ކަމަށް، އެހެންނަމަަވެސް ހީކުރި ވަރަށްވުރެ ރަނގަޅަށް ދިޔައީ." ރައީސް ޞާލިޙް މިކަން ސިފަ ކުރެއްވީ ކާމިޔާބީއެއްގެ ގޮތުގައެވެ. އަދި ވިދާޅުވީ، ޝަކުވާތައް މަދުވީ ހައްލުތަކެއް ހޯދައިދިނުމުން ކަމަށެވެ.
"އޭގެ މާނައަކީ އުކުޅަހުގެ ކޮންފަރެންސްގައި ފާހަގަ ކުރެވުނު ކަންތަކަށް އަަޅުގަނޑުމެން ހައްލު ތަކެއް ކޮންމެވެސް ވަރަކަށް ހޯދަވާ ދެވިފައި ހުރި ކަމަށް"
މިއަހަރުގެ ވިއަވަތި ކޮންފަރެންސަގައި ގިނަ ކަންތައްތަކެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ބައެއް ކަންކަން ވަނީ ހައްލު ހޯދާފައެވެ. މިގޮތުން ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގައި ދަތިތަކެއް ކުރިމަތިވާތީ، ބައިބަޔަށް އެކަން ކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ކައުންސިލްތަކަށްދޭ ބްލޮކް ގްރާންޓް ދިނުމުގައި ބަދަލުތަކެއް ގެނެސް، ސިޓީތަކަށް ހާއްސަ ގޮތްތަކެއް ހޯދުމަށް މަޝްވަރާ ވަނީ ކުރެވިފައެވެ. ހަމައެކާއެކު ސަރުކާރުން ކައުންސިލްތަކަށްދޭ ބްލޮކް ގްރާންޑް މަހުން މަހަށް ދިނުމުގެ ބަދަލުގައި ކުއާޓަލީ ދޭން ވިސްނަމުންދާ ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.