ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފިރުކޮށް, ދެބަސްވާ ކޮންމެ މީހަކު މުޖުރިމަކަށް ހަދައިގެންނުވާނެ: ޚުޠުބާ
ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފިރުކޮށް, ދެބަސްވާ ކޮންމެ މީހަކު މުޖުރިމަކަށް ހަދައިގެންނުވާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނެފައިވަނީ ޚިޔާލު ތަފާތުވިޔަސް އެކަކު އަނެކެއްގެ އަބުރު ކަތިލައި, ޢަބުރާ ޢިއްޒަތާއި ކަރާމާތަށް އަރައިގަނެގެން ނުވާނެ ކަމަށެވެ. އަދި މުސްލިމުންނަކީ ޚިޔާލު ފާޅުކުރުމުގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓައިގެން މީސްތަކުންނާ މުޢާމަލާތް ކޮށްފައިވާ ބައެއްކަން އިސްލާމީ ތާރީޚަށް ބަލައިލުމުން އެނގޭ ކަމަށެވެ.
''ރައުޔު ތަފާތުވުމުގެ ސަބަބުން އަހުރެމެންގެ އެކުވެރިކަމުގައި ރެނދު އެޅުނަދީގެން ނުވާނެއެވެ. އަހުރެމެންގެ ސަފުތައް ރޫޅިގެން ދިޔަދީގެން ނުވާނެއެވެ. ''
''އަހުރެމެންނާ ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފިރުކޮށްގެން ނުވާނެއެވެ. އަހުރެމެންނާ ދެބަސްވާ ކޮންމެ މީހަކު މުޖުރިމަކަށް ހަދައިގެންނުވާނެއެވެ.'' ޚުޠުބާގައި ވެއެވެ.
ޚުޠުބާގައި ވަނީ ދީނީ މައްސަލަތަކާބެހޭ ގޮތުން ބަހުސްކުރާނަމަ, އެ މައްސަލައަކާބެހޭ ގޮތުން ޢިލްމުވެރިންގެ ރައުޔުތަކާއި, ހުއްޖަތްތަކުގެ އަލީގައި މެނުވީ ޖަދަލުނުކުރަމަށް ވެސް ނަސޭހަތްތެރިވެފައެވެ. އަދި މައްސަލައެއްްގައި ޢިލްމުވެރިން ދެބަސްވެވަޑައިގެންފައިވާނަމަ, އެއިން ކޮންމެ ބޭކަލެއްގެ ރައުޔަށް އިހުތިރާމުކުރަންވާނެ ކަމަށާއި, އެއްވެސް ބޭކަލަކަށް ކުޑައިމީސް ބަހެއް ނުބުނުމަށް ވެސް ގޮވައިލެއްވިއެވެ.
''ރައުޔު ތަފާތުވާ ކޮންމެ ވަގުތަކު މީސްމީޑިއާއަށް އަރައި ހުޅު ރޯކުރާ ބަޔަކަށްވެގެން ނުވާނެއެވެ.''
ނަމަވެސް މިއަދު އަހުރެމެންގެ އަޚުންނާއި އުޚުތުން މީސްމީޑިއާގައި އެކި މައްސަލަތަކުގައި ޚިޔާލު ތަފާތުވެ އަރައިރުންވެ, ހަޑިހުތުރު ބަސްތަކުން ރައްދުދީ, ޒުވާބުކޮށް, ޢަބުރާ ޢިއްޒަތަށް އަރައިގަންނަމުންދާ ތަން ފެންނަކަން ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ. އަދި އެކަކު އަނެކަކު ކާފަރުކޮށް ތައުބާވާން ގޮވާތަން ފެންނަކަމަށް ވެސް ޚުޠުބާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޚުޠުބާގައި ބުނެފައިވަނީ މި ޒަމާނުގައި ކޮފީތަކުގައްޔާއި, ނާދީތަކުގައްޔާއި, ޓުވިޓާއާއި, ފޭސްބުކް ފަދަ މަންސަތަކުގައި މީހުންގެ ޢައިބުތައް ފަތުރާ މީހުން ގިނަވެ, އެ ޢާފަތް ބޮޑު ރޯގާއަކަށްވެފައި ކަމަށެވެ. އަދި ހިތުގައި އީމާންކަން ފުރިހަމަނުވާ ކޮންމެ މީހަކު ވަނީ އެ ރޯގާގެ ޖަރާސީމުން އޭނާގެ ހިތް ކިލަނބުކޮށްފައިވާ ކަމަށެވެ.
''ޓުވިޓާއާއި, ފޭސްބުކް ފަދަ މީސްމީޑިއާގެ މަންސަތަކުގައި މުސްލިމުންގެ ޢަބުރާއި ޢިއްޒަތަށް ބުރޫ އަރާގޮތަށް ދައްކާ ވާހަކަތަކަކީ ނެތިމޮށުމާއި, ޣީބަ ބުނުމުގެތެރޭގައި ހިމެނޭ ޢަމަލުތަކެއްކަން ކަށަވަރެވެ.'' ޚުޠުބާގައި ވެއެވެ.
އިސްލާމް ދީނަކީ ހިޔާލު ތަފާތުވާންޖެހޭ ކަމެއް އޮންނަ ދީނެއްނޫން ހުރިހާކަމެއް އިރުގެ އަލިފަދައިން ސާފުކޮށް ދަލީލުން އެގެން އޮންނަ ދީނެއް، ދަލީލުގެ އަލީގައި ކަންކަން ނިންމާ ދީނެއް !