ތިމާވެށްޓަށް ހާނިއްކަނުކޮށް ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭ: ޝިޔާމް
ތިމާވެށްޓަށް ހާނިއްކަނުކޮށް ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން އަމީނީ މަގު ހެދުމަށްޓަކައި, އެ މަގުގައި ހުރި ގަސްތައް ނަގާތީ ކަންބޮޑުވުން ފާޅުކުރައްވައި ދެއްކެވި ވާހަކައިިގައެވެ. އެ މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ އެ ގަސްތައް ގެންދަނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ކުޑަގިރިއަށް ކަމަށެވެ.
މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އަމީނީ މަގު ހެދުމަށްޓަކައި, އެ މަގުގައި ހުރި ގަސްތައް ނެގުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. އެ މަގަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންކުރާ މަގެއް ކަމަށާއި, އެއީ މާލޭގައި ހުރި ހިތްހަމަޖެހޭ މަދު މަގުތަކުގެ ތެރެއިން މަގެއްކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
''މިތާގަ ހަދާ ކޮންމެވެސް ޕިކްނިކް އައިލެންޑަކަށް އެ ގަސްތައް ވިއްކާލާ ވާހަކަ އަޅުގަނޑަށް މި އަޑުއިވެނީ. މިއީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންކުރާ މަގެއް. މާލޭގަ ހުރި ހިތްހަމަޖެހޭ މަދު މަގުތަކުގެ ތެރެއިން މަގެއް އަމީނީ މަގަކީ.''
ޝިޔާމް ވިދާޅުވީ މޫސުމީ ބަދަލުތައް ވަރަށްގިނަ ކަމަށާއި, ތިމާވެށްޓަށް ހާނިއްކަނުކޮށް, އަނިޔާ ނުކޮށް ދިރިއުޅުމުގެ ކަންކަން ގެންގުޅެންޖެހޭ ކަމަށެވެ.