ޚަބަރު ސިޔާސީ

ސަރުކާރުގެ ޑިޕްލޮމަސީގައި ހިމެނެނީ އެންމެ ދެ ބަސް, އެއީ ''ޔެސް'', ''އެކްސެލަންސީ'' : ދުންޔާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ދުންޔާ މައުމޫން. ފޮޓޯ: އެމްއެންޕީ

މިއަދުގެ ސަރުކާރުގެ ޑިޕްލޮމަސީގައި ހިމެނެނީ އެންމެ ދެ ބަސް ކަމަށާއިި, އެއީ ''ޔެސް'' އާއި, ''އެކްސެލަންސީ'' ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޤައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022" ގައި ރޭ ދެއްކެވި ވާހަކައިގައި ދުންޔާ ވަނީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ުދުންޔާ ވިދާޅުވީ ރާއްޖޭގެ ޑިޕްލޮމަސީ ވަނީ ''ނާށިގަނޑެއްގެ ދަށުގައި ތާށިވެފަ'' އެވެ.

''މިއަދުގެ ސަރުކާރުގެ ޑިޕްލޮމަސީގައި ހިމެނެނީ އެންމެ ދެ ބަސް. އެއީ ޔެސް, އެކްސެލެންސީ. ކުރިމަތިވާ ކޮންމެ ސުވާލަކަށް ދޭ ޖަވާބަކީ އެއީ. އަޅުގަނޑުމެންގެ ސަރުކާރެއްގައި ޑިޕްލޮމަސީ ބިނާވެފައި އޮންނާނީ މަޝްވަރާކޮށްގެން ދޫދޭންޖެހޭ ތަންތަނުގައި ދޫދީގެން, ވާންކުރަންޖެހޭ ތަންތަނުގައި ވާންކޮށްގެން އެއްބަސްވެވޭނެ ގޮތްތައް ނެރުމުގެ މައްޗަށް.'' ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެ މިހާރު ސިފަކުރަނީ ދަސްކުރާ ބޯޑު ޖަހައިގެން އުޅޭ ޤައުމެއްގެ ގޮތުގައި ކަމަށެވެ. ރާއްޖޭގެ އަބުރާއި, ޝަރަފާއި, ޢިއްޒަތާއި ކަރާމަތް ވެއްޔާ މޮޑެވިފައިވާ ކަމަށާއި, ދިމާވާ ކޮންމެ މީހެއް ކައިރީގައި އެހީއެއް ދެވޭނެތޯ އަހައި ސަލާންޖަހާ ޤައުމަކަށްވެފައިވާކަމަށް ދުންޔާ ވިދާޅުވިއެވެ.

''އެމްއެންޕީގެ ވެރިކަމެއްގައި ޚާރިޖީ ސިޔާސަތުގައި އިސްކުރާނީ ދިވެހިންނާއި, ދިވެހިރާއްޖެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް ވާޖިބަކަށްވާނީ ރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީން ހިމާޔަތްކޮށް ސިޔާދަތު ކުރިއަރުވައި ނެގެހެއްޓުން''

ޕާޓީގެ އަމާޒަކީ ދިވެހިންގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކަށް ހުޅުވައިިލަދިނުން ކަމަށާއި, ދިވެހިންނަށް އިތުރު ވަޒީފާތައް އުފައްދައިދީ ރާއްޖެއަށް އާ ހޯދުންތަކާއި އާ ޓެކޮނޮލޮޖީ ގެނެސްދީ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސްދިނުންކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި ހުރިހާ ޤައުމަކާއެކު ވެސް ޤައުމީ މަސްލަހަތު އިސްކޮށް މަސައްކަތްކުރުން ކަމަށާއި, ރާއްޖޭގެ ބޭރަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި ސަރުކާރުގެ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް އެމްއެންޕީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!