ޚަބަރު ރައްޔިތުންގެ މަޖިލިސް

އަމީނީމަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މާލޭގެ އެންމެ ބޮޑު އެއް މަގުކަމަށްވާ އަމީނީ މަގު ހެދުމަށް, އެ މަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

Ads by STELCO

އެ މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފެވެ.

ލަޠީފް ހުށަހެޅުއްވި މައްސަލައިގައި ވަނީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ވަޢުދަކީ,  "ޖަޒީރާ ރާއްޖެ'' މެނިފެސްޓޯގައި އެމްޑީޕީން މާލޭގެ ރައްޔިތުންނަށާއި, މާލޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ވެފައިވާ މުހިންމު ވަޢުދެއްކަން ފާހަގަކުރައްވައިފައެވެ.

ލަޠީފް ވިދާޅުވެފައިވަނީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެތައް ކަމެއް އެބަހުރި ކަމަށާއި, މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ އޭގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ. މާލޭގެ މަގުތައް ހުރި ގޮތަށް
ބަލާއިރު, އެ މަގުތަކަކީ ރަނގަޅު ފެންވަރަކަށް ހަދަންޖެހޭ މަގުތަކެއްކަމާމެދު އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށާއި, ނަމަވެސް އެ މަގުތައް ހަދާއިރު މާލެއަކީ ''ހިތްފަސޭހަ'' ތަނަކަށް ހެދުމުގެ މަފްހޫމާއި, ވިސްނުން ނުގެއްލޭ ގޮތަށް އެ މަގުތައް ހެދުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެއް ކަން ލަޠީފް ފާހަގަކުރައްވައިފައެވެ.

ލަޠީފްގެ މައްސަލައިގައި އިތުރަށް ވިދާޅުވެފައިވަނީ މާލޭގެ އަމީނީމަގު ހަދަން ފަށާފައިވާއިރު, އެ މަގުގައި މިހާރު މަސައްކަތްކުރަމުންދާ ހިސާބުގައި ހުރި ހިޔާދޭ ބޮޑެތި ގިނަ ގަސްތައް ވަނީ ކަނޑާލައިފައި ކަމަށާއި, އެއީ އިންތިހާއަށް ކަންބޮޑުވުން ހުރި ކަމެއް ކަމަށެވެ. އަދި އެކަމުން އެތައް ސުވާލެއް އުފެދޭކަމެއް ވެސް ކަމަށެވެ.

''އަމީނީ މަގުގެ ހަދަން ނުފަށައި ބާކީ އޮތް ބޮޑު ބައި ހަދަން ފެށުމާއެކު އެ ހިސާބުގައި ހުރި އެފަދަ ބިޔަ ގަސްތައް ކަނޑައިލާނެތޯ އުފެދޭ ސުވާލެވެ. އަދި މާލޭގެ އެހެން މަގުތައް ރަނގަޅު ފެންވަރަކަށް ހަދާއިރު އެ މަގުތަކުގައި ހުރި ގަސްތައް ވެސް އަމީނީމަގެކޭ އެއް އުސޫލުން ކަނޑައިލާނެތޯ ކުރެވޭ ސުވާލެވެ. މުޅި މާލެއިން ކިހައި ގަހެއް ކަނޑައިގެންތޯ މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން ޕްލޭންކޮށްފައި އޮތީ ކުރަމުންދާ ސުވާލެވެ. އެ ގަސްތައް ނުކަނޑައި މަގުތައް ނުހެދޭނީތޯއާއި ކަނޑާފައިވާ ގަސްތަކަކީ ކޮންމެހެން ކަނޑަން ޖެހިގެން ކަނޑާފައިވާ ގަސްތަކެއްތޯ ކުރަމުންދާ ބޮޑު ސުވާލެވެ. ރައްޔިތުން ދަނީ މިފަދަ އެތައް ސުވާލަކާއި ޝަކުވާއެއް ކުރަމުންނެވެ.''

ރަށެއް ނުވަތަ ތަނެއް ހިތްފަސޭހަވުމަށް މެދުވެރިވާ އެތައް ސިފަތަކެއް ހުންނަކަން ފާހަގަކުރައްވައި ލަޠީފް ވިދާޅުވެފައިވަނީ, އެއިން އެ ންމެ މުހިންމު އެއް ސިފައަކީ ގުދުރަތީ ގޮތުން އެ ތަނެއް އުފެދިފައިވާ ގޮތަށް ބޮޑެތި ބަދަލުތައް ނުގެނެސް, އެ ތަނެއް ތަރައްޤީ ކުރެވުމުން ލިބޭ ހިތްހަމަޖެހުމާއި ހިތްފަސޭހަކަން ކަމަށެވެ. ފިތުރަތުގެ ފުރިހަމަ ނިޒާމާ އެއްކީއްޔަށް ގެނެވޭ ތަރައްޤީން ލިބޭ ހިތްފަސޭހަކަމާއި ދެމެހެއްޓެނިވިކަން ކަމަށާއި, އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓގެ އަސާސަކީ ވެސް އެއީ ކަމަށެވެ.

ލަޠީފް ވިދާޅުވެފައިވަނީ އަމީނީމަގު ތަރައްޤީ ކުރެވިގެންދާއިރު، އެ މަގުގައި ހުރި ގުދުކަމަކާއެކު، އަދި އެމަގުގެ ގަސްގަހާގެއްސަށް ޖާގަ ދިނުމާއެކު، އެ މަގު ހަދައި ނިންމުމުން އެ މަގުގެ ގުދުރަތީ ސިފަ ނުގެއްލި އެ މަގުގެ ހިތްފަސޭކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށެވެ. ހަމައެއާއެކު މާލޭގެ އެހެން މަގުތައް ވެސް، އެ މަގުތައް އުފެދިފައި ހުރި އަސްލު ޒާތާއި ސިފަ ގެއްލުވާނުލައި އެ މަގުތައް ހެދުމުގެ މަސައްކަތް ކުރެވެންވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

''އަމީނީމަގު ގެ ގަސްތައް ނުކަނޑަ އި ހުރި ހިސާބުތަކާއި މާލޭގެ އެހެން މަގުތައް ވެސް ރަނގަޅު ފެންވަރަށް ހަދާއިރު، އިސްވެ ބަޔާންކުރި ގުދުރަތީ ރީތިކަމާއި ހިތްފަސޭހަކަން ނުގެއްލޭ ގޮތަށް އަދި ވަކީން ޚާއްސަކޮށް އެ މަގުތަކުގައި ހުރި ގަސްތައް ނުކަނޑައި އެ މަގުތައް ހެދުމުގެ މުހިންމުކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅަމެވެ.''

ޒަމާނީ ފެންވަރަށް އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަމަހުގެ 30 ގައެވެ. އެ މަސައްކަތުގެ ދަށުން މިހާރު ވަނީ އަމީނީމަގުގައި ހުރި ގަސްތައް ނަގަން ފަށާފައެވެ. އެ މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ އެ ގަސްތައް ގެންދަނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ކުޑަގިރިއަށް ކަމަށެވެ.

ދާދިފަހުން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރިޔާސަތުގައި އިންނެވި ރައީސް, ރައީސް މުޙައްމަދު ނަޝީދު ވަނީ އަމީނީ މަގުން ގަސްތައް ނަގާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ގަހެއް ހައްދަން 15-20 އަހަރު އެބަ ނަގާ ކަމަށާއި, އެކަމަކު މަގެއް ހެދުމަށް ހޭދަވަނީ ދެތިން މަސް ކަމަށާއި, އެހެންކަމުން ގަސްތައް ބަހައްޓައިގެން މަގުތައް ހެދޭނެ ގޮތެއް ހޯދުމަކީ މުހިންމުކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އަމީނީ މަގު ހަދަން ގަސްތައް ނަގާތީ އެކަމުގެ ކަންބޮޑުވުން މެންބަރުންނާއި ޢާންމު ރައްޔިތުންގެ ސަމާލުކަމަށް މީގެ ކުރިން ވެސް ގެންނެވި ކަމަށެވެ. އަދި އުންމީދުކުރައްވަނީ ޕްލޭނިންގ މިނިސްޓްރީންނާއި އާރްޑީސީން ދެވަނަ ވިސްނުމަކަށްދާނެ ކަމަށް ކަމަށެވެ. އެހެންނޫންނަމަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން މިކަމުގައި ޝަރީޢަތަށް ވަޑައިގެންނެވުން ނޫން ގޮތެއް ނެތްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by Ooredoo
  1. ބުއްޅަބޭ ޖޫނިއަރ

    އަޅެފަހެ މިއީ ހޭ ބުއްދި ފިލާފައި ތިބި ބައެއްތް؟؟؟؟؟؟

  2. ހިޔާލު

    މަގު ހެއްޖަސް ގަސް ނުކަނޑަ ހެދެންވާނެ، މަޖީދީމު ހެދި

    އިރުވެސް ގަހެއް ނުކަނޑާ ގައިމު، ތާރު އެޅުން އެއީ ގަސްް

    ކަނޑަން އޮތް ހުއްޖަތެއް ނޫނެވެ.