އައިފޯން ގެންނަކަމަށް ބުނެ އޮޅުވާލައިގެން ފައިސާ އަތުލި މައްސަލައެއް ބަލަނީ

މިދިޔަ މަހު ކުރީކޮޅު އެޕަލްއިން ނެރުނު އައިފޯން 14 ވިއްކާކަމަށް ބުނެ ގިނަ ބަޔަކު އަތުން އޮޅުވާލައިގެން ފައިސާ އަތުލިކަމަށް ބުނާ މައްސަލައެއް ފުލުހުން މިއަދު ބަލަން ފަށައިފިއެވެ.
އައިފޯން 14 ސީރީޒްގެ ފޯނުތަކަށް ޕްރީ އޯޑަރު ކުރުމަށް ހުޅުވާލައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލިކަމަށް ތުހުމަތު ކުރެވެނީ އީ ކޮމާސް އިލެކްޓްރޯނިކްސްގެ ނަމުގައި އިންސްޓަގްރާމުގައި ހިންގި ޕޭޖަކަށެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އެ މީހުން ޖުމްލަ ތިންލައްކަ ރުފިޔާ ހޯދިކަމަށް މަޢުލޫމާތު ލިބެއެވެ.
އެ ޕޭޖު މިހާރު އިންސްޓަގްރާމުން ވަނީ ޑިލީޓްކޮށްލައިފައެވެ. ނަމަވެސް ފޯނަށް ފައިސާ ދެއްކި ފަރާތްތަކާއި އެ ޕޭޖާ ދެމެދު ކޮށްފައިވާ ވައިބާ މެސެޖުތަކެއްގެ ސްކްރީން ޝޮޓްތަކެއް މީސްމީިޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.