ރާއްޖެއާއި ޗައިނާގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ކުރިއެކޭ ވެސް އެއްގޮތަށް ހީނަރުކަން ނައިސް އިތުރަށް ބަދަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޗައިނާގެ 73 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގއަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގައެވެ.
ޗައިނާގެ ރައީސަށް ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ ޗައިނާގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތާއި ގުޅިގެން އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެ ޤައުމުގެ ކުރިމަގު އިތުރަށް ތަރައްޤީކުރުމަށް އާ އަޒުމެއްގައި ޗައިނާގެ ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ރާއްޖެއާއި ޗައިނާގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ކުރިއެކޭވެސް އެއްގޮތަށް ހީނަރުކަން ނައިސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ, ލީ ކީކްޔާންގަށް ވަކިން ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވެފައިވަނީ ދެ ޤައުމުން ވެސް ޝައުޤުވެރިކަން ހުންނަ ދާއިރާތަކުން ކުރިއަށްދިއުމަށް އެކުގައި މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށެވެ.
ޗައިނާގެ ޤައުމީ ދުވަސް ފާހަގަ ކުރަނީ 1949 ވަނަ އަހަރުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުން ފެށިގެންނެވެ.
ޗައިނާއަކީ ރާއްޖެއާ ވަރަށް ޚާއްސަ ގުޅުމެއް ބާއްވާ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ. އެ ގުޅުން އެންމެ ބަދަހިކޮށް ފެނުނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޒަަޢާމަތުގައެވެ. އެ މަނިކުފާނުގެ ޒަޢާމަތުގައި ޗައިނާއިން ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި އެހީތައް ވެފައިވެއެވެ.
ކުދި ޤައުމުތަށް އުޅެންވާނީ ބޮޑެތި ޤައުމުތަކުގެ އެހީހޯދައިގެން ޤައުމު ތަރައްޤީ ކުރާ ބަޔެއްގެ ގޮތުގައިވާން !