ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ބޮޑު ގެއްލުމެއް ދިން ބަޔަކީ މިހާރު ވެރިކަން ކުރާ ޕާޓީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީކަމަށް ރައްޔިތުގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކޮށް ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ޝިޔާމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިގެން އެމްޑީޕީ ސަރުކާރުން އެކަން ފާހަގަކުރާއިރު މާޒީގެ ސަފްހާތައް ބަލައިލުމުން އެނގޭ އެންމެ ބޮޑު ހަގީގަތަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ބޮޑު ގެއްލުމެއް ދިން ބަޔަކީ އެމްޑީޕީކަން ކަމަށެވެ.
ޝިޔާމްގެ ޓްވީޓުގައި ބޭރުގެ ބައެއް ނޫސްތަކުން ޝާއިއުކޮށްފައިވާ ލިޔުންތަށް ވަނީ ހިއްސާ ކުރައްވާފައެވެ.
ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން އިދިކޮޅުގެ ގިނަ މެމްބަރުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީޙް ޖަމާލު ވެސް ވަނީ ޓޫރިޒަމް ބޯއިކޮޓްކުރުމުގެ ކެޓަގަރީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އެވޯޑް އަރުވަންޖެހޭ ކަމަށް ވިދާޅުވެފައެވެ.