ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އަޣުލަބިއްޔަތުގެ އިތުބާރު އަޅުގަނޑަށް އެބައޮތް: ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައްޔިތުން މަޖިލީހުގެ އިތުބާރު އެ މަނިކުފާނަށް އޮތްކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު އެހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ދެއްކެވި ވާހަކައަކާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޝިޔާމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި ނަޝީދު އިންނެވީ ކޮމްޕްރޮމައިޒްވެ ވަޑައިގެންފައިކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ އެ މަނިކުފާނުގެ އިތުބާރު ނެތްކަމަށް 42 މެންބަރެއްގެ ސޮއި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލްގެ އަތްޕުޅުގައި އޮތުމުންކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ ކޮމްޕްރޮމައިޒް ވެވަޑައިގެންފައިވާ ހާލުކޮޅެއްގައި އެއްވެސް މަޤާމެއްގައި ނުހުންނަވާނެ ކަމަށެވެ.

އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވާހަކައާ ގުޅިގެން ނަޝީދު އިތުރަށް ވިދާޅުވީ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ބިގޭ) އިސްކޮށް ހުންނަވައިގެން އެ މަނިފާނުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަންގަވަން މަސައްކަތް ކުރެއްވި ކަމަށެވެ. އެ ގޮތުން ސޮއިކުރެއްވީ އެންމެ 12 މެންބަރުންކަމަށް ނަޝީދު ވިދާޅުވިއެވެ.

އެއަށްފަހު ނަޝީދު ވިދާޅުވީ ''އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް މި މަޖިލީހުގައި'' އޮންނަ ކަމަށެވެ.

''މި މަޖިލީހުގެ އަޣްލަބިއްޔަތު މެންބަރުން އަދި މާ ބޮޑު އަޣްލަބިއްޔަތު މެންބަރުން އަޅުގަނޑަށް އިތުބާރު ކުރައްވާ މި މަޖިލިސް މިގެންދާ ގޮތުގައި ގެންދެވޭނެކަމަށް.''

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބަދުއަޚުލާޤީ އަމަލު ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޯ އަތްޕުޅުގައި އެބައޮތްކަމަށް ނަޝީދު ވިދާޅުވުމުންނެވެ. ނަޝީދު އެ ގޮތަށް ވާހަކަފުޅު ދެއްކެވީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި އެ މަނިކުފާނުގެ ކޮއްކޮ ނާޒިމް ޢަބްދުއްސައްތާރު ބަންދުކުރި ހިސާބުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!