28 ނަރުހަކަށް މިދިޔަ ދެ މަހުގެ މުސާރަ ނުލިބޭތީ އެމްއެޗްޕީޔޫގެ ކަންބޮޑުވުން

28 ނަރުހަކަށް ފާއިތުވި ދެ މަހުގެ މުސާރަ ލިބިފައި ނުވާތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއެޗްޕީޔޫ އިން މިއަދު ބުނީ ޖޫން އަދި ޖުލައި މަހުގެ އަސާސީ މުސާރަ ހަމަޖެހިފައި ނުވަނީ ބިދޭސީ 28 ނަރުހަކަށް ކަމަށެވެ.
މިއީ އެ ޔޫނިއަނުން ކަންބޮޑުވާ ކަމެއް ކަމަށާއި ވީ އެންމެ އަވަސް ފުރުސަތެއްގައި، މިފަރާތްތަކުގެ މުސާރަ ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް އެމްއެޗްޕީޔޫ އިން ވަނީ ގޮވާލާފައެވެ.
މިކަމާ ގުޅޭގޮތުން ރަސްމީ އެއްވެސް އިދާރާ އަކުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.
28 ނަރުހަކަށް ފާއިތުވި ދެ މަހުގެ މުސާރަ ނުލިބޭ މައްސަލައެއް ފެންމަތިވެފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ފްރަންޓުލައިނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދޭންޖެހޭ އެލަވެންސް ބައެއް ފަރާތްތަކަށް ނުލިބުމުގެ ޝަކުވާތަކެއް ވެސް ދާދިފަހުން ބައެއް ފަރާތްތަކުން ވަނީ ކޮށްފައެވެ.