ރައީސް ޔާމީނަށް ކުށް މަޢުލޫމާތެއް ދެވުމުން އިޢުތިރާފްވެ، މަޢާފަށް އެދުމަކީ ރީތި ސިފައެއް: ޒައިދު
ރައީސް ޔާމީނަށް ކުށް މަޢުލޫމާތެއް ދެވުމުން އެކަމަށް އިޢުތިރާފްވެ، މަޢާފަށް އެދުމަކީ ރީތި ސިފައެއް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ ހޯމަ ދުވަހު ހއ. ބާރަށުގައި ބޭއްވެވި ޖަލްސާގައި، އަދާލަތު ޕާޓީން ގެންގުޅޭ ސިޔާސަތުގެ މިސާލެއްގެ ގޮތުގައި ނަސާރާދީނުގެ މީހުން މިހާރު ގެންގުޅޭ ފަލްސަފާގެ ވާހަކަ ދެއްކުމުގެ ތެރޭގައި ސަލާމް ލެއްވި އީސާގެފާނު "ފަސްދާނުވެޑުވި" ކަމަށް ވަނީ ވިދާޅުވެފައެވެ.
“"ނަސާރާދީން ފުރަތަމަ ދުނިޔެ އަށް އައިސް، އީސާގެފާނު ފަސްދާނުލެވުމަށް ފަހު، ނަސާރާދީނުގެ ކަންތައް އީސާގެފާނު ފެތުރެއްވި ގޮތަކަށް ނޫން ހިނގަމުން ދިޔައީކީ. ހަމަ މުޅި އެތި ގަނޑުބަޑުކޮށްލައިގެން ހިނގަމުން ދިޔައީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
މި ވާހަކަތަކާ ގުޅިގެން އެ މަނިކުފާނަށް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ރައީސް ޔާމީން ވަނީ އެ ޖަލްސާގައި ވިދާޅުވެވުނީ "ކުށް ބަހެއް" ކަމަށް އިއުތިރަފްވެ އެކަމަށް ރައްޔިތުންގެ އަރިހުން ވަރަށް ބޮޑަށް މާފަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
މިވާހަކަތަކާ ގުޅިގެން ޝައިޚު ޒައިދު ވިދާޅުވީ ވާހަކަ ދައްކާއިރު މީހަކަށް ކުށްބަހެއް ބުނެވިއްޖެނަމަ އެކަމަށް ވީހާވެސް އަވަހަކަށް އިއުތިރާފްވެ މަޢާފަށް އެދުމަކީ ރީތި ސިފައެއް ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް އެފަދަ ކަމެއް ކުރެވިދާނެކަމަށާއި، ނަމަވެސް އޭގެ އެންމެ ރީތި ގޮތަކީ ވީހާވެސް އަވަހަކަށް އެކުށް ގަބޫލުކޮށް މަޢާފަށް އެދުންކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
މިކަމުގައި ރައީސް ޔާމީންގެ ފަރާތުން ފެނިގެންދިޔައީ ރަނގަޅު މިސާލެއްކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.