ކުއްލި މައްސަލައެއް ބަލައިގަތުމުގެ ހިތްވަރު ނެތް ''ޑިމޮކްރަސީ'' އެއްގެ ބޭނުމެއް އެބައޮތްބާ: ސަޢީދު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެ މީހަކު މަރުވި މައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށް ގޮވާލައްވައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމާ ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ފާޑުވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގދ.ހޯޑެއްދޫން ހައްޔަރުކުރިި އެ ރަށު ޢަބްދުﷲ ރަޝީދު (މާޓީ) ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވުމާ ގުޅިގެން ހުށަހެޅުއްވި ކުއްލި މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް ޝިޔާމް ގޮވައިލެއްވީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު އަވަސް ތަޙްޤީޤެއް ކޮށްދެއްވުމަށެވެ.
ނަމަވެސް ޝިޔާމްގެ މައްސަލަ ބަލައިގަތުމަށް ވޯޓުދެއްވީ 17 މެންބަރުންނެވެ. ބަލައިނުގަތުމަށް 26 މެންބަރަކު ވޯޓު ދެއްވިއެވެ.
ހޯޑެއްދޫ ސްޓިއަރިންގ ކޮމިޓީގެ ރައީސް ރަޝީދު މަރުވީ ފުލުހުން އޭނާ ހައްޔަރުކޮށްގެ ގެންގޮސް ލޯންޗެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާކަމަށް ޢާއިލާއިން ވަނީ ބުނެފައެވެ. އަދި އޭނާ ހައްޔަރުކޮށްގެން ގެންދިޔައިރު ވެސް އޭނާގެ މެޔަށް ތަދުވާކަމަށް ބުނަމުންދިޔަ ކަމަށާއި, ނަމަވެސް ފުލުހުން މިކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާކަމަށް އެ ވަގުތު ބަނދަރު ސަރަހައްދުގައި ތިބި މީހުން ބުނެއެވެ. އަދި އޭގެ ފަހުން މަޑަވެލީ ސިއްހީ މަރުކަޒަށް ރަޝީދު ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ސަޢީދު ވިދާޅުވީ ފުލުހުންގެ ''ބެލުމުގެ'' ދަށުގައި މީހަކު ބަހައްޓަނީ ފުލުހުން ކަމަށެވެ. އެހެންވީއިިރު މެއަށް ތަދުވާކަމަށް ބުނުމުން އެކަން ބަލަން ނުޖެހޭތޯ ސަޢީދު ސުވާލު ކުރެއްވިއެވެ.
''އެ ފަރާތް ދުނިޔެއިންނެތި ހިނގައްޖެ. މިކަން ބަލައިދިނުމަށް އެދި ކުއްލި މައްސަލައެއް ލުމުން ބަލައިގަތުމުގެ ހިތްވަރު ނެތް “ޑިމޮކްރަސީ”އެއްގެ ބޭނުމެއް އެބައޮތްބާ؟''
ސަޢީދު ވިދާޅުވީ މިއީ އެމްޑީޕީގެ ހާލަތު ކަމަށެވެ.