އިމްރާން ޚާންގެ އަޒުމް: ޕާކިސްތާނުގައި މާދަމާ 35 ލައްކައަށް ވުރެ ގިނަ ގަސް އިންދުން!
- އަވަށްޓެރި ޕާކިސްތާނުގައި މާދަމާ 35 ލައްކައަށް ވުރެ ގިނަ ގަސް އިންދުމަށް އެޤައުމުގެ ބޮޑު ވަޒީރު އިމްރާން ޚާން އަޒުމް ކަނޑައަޅައިފިއެވެ.
އަވަށްޓެރި ޕާކިސްތާނުގައި މާދަމާ 35 ލައްކައަށް ވުރެ ގިނަ ގަސް އިންދުމަށް އެޤައުމުގެ ބޮޑު ވަޒީރު އިމްރާން ޚާން އަޒުމް ކަނޑައަޅައިފިއެވެ.
އިމްރާން ޚާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި މާދަމާ ގަސް އިންދުމުގައި ބައިވެރިވުމަށް އެޤައުމުގެ ރައްޔިތުން ކިބައިން އެދޭ ކަމަށެވެ.
"ޕާކިސްތާނުގެ މުޅި ތާރީޚުގައި ވެސް ބޭއްވޭ އެންމެ ބޮޑު ގަސް އިންދުމުގެ މިކެމްޕޭނުގައި މަޖިލިސް މެންބަރުންނާއި، މިނިސްޓަރުންނާއި ޗީފް މިނިސްޓަރުން އަދި ސަލާމަތީ ބާރުތަކުން ވެސް ބައިވެރިވުމަށް އަންގައިފިން. އަޒުމަކީ މާދަމާ 35 ލައްކަ ގަސް އިންދުން، ނަމަވެސް އެއަދަދަށް ވުރެ ގިނަ ގަސް އިންދޭތޯ ބަލާނަން" އިމްރާން ޚާން ވިދާޅުވެފައިވެއެވެ.
"ޓައިގަރ ފޯސް ޑޭ" ގެ ނަމުން ނަން ދީފައިވާ މިދުވަހުގެ ބޭނުމަކީ، ޕާކިސްތާނުގައި އެންމެ ގިނަ ގަސް އިންދާ ދުވަސް ކަމުގައި މިދުވަސްވުމެވެ.
އެގޮތުން މާދަމާ 35 ލައްކައަށްވުރެ ގިނަ ގަސް އިންދުމަށް ނިންމަަފައިވާއިރު، މީގެ ކުރިންވެސް ބޮޑުވަޒީރު އިމްރާން ޚާން ވަނީ އެޤައުމުގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވާފައެވެ.
އެގޮތުން ޕާކިސްތާނުގައި ހިންގާ 10 ބިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން 2018 ގައި ފެށި މިހަރަކާތް އެއިރު މެދުކެނޑުނީ، މިޕްރޮގްރާމު މެދުވެރިކޮށް ބޮޑު ވަޒީރު ކޮރަޕްޝަންގެ ޢަމަލެއް ހިންގަން އުޅޭކަމުގެ ތުހުމަތުތަކެއް ކުރެވުމުންނެވެ.
ނަމަވެސް އެއީ ހަގީގަތެއް ނެތް ވާހަކަތަކެއްކަން ފަހުން ހާމަވެ، މިޕްރޮގްރާމް އަނެއްކާވެސް މިވަނީ ފެށިފައެވެ.
މިޕްރޮގްރާމްގެ އަމާޒަކީ 2023 ވަނަ އަހަރު އައުމުގެ ކުރިން ޕާކިސްތާނުގައި 10 ބިލިއަން ގަސް އިންދުމެވެ. މިއީ އީކޯސިސްޓަމް ވަރުގަދަ ކުރުމުގެ ގޮތުން ފެށިފައިވާ ޕްރޮގްރާމެކެވެ.