އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކެޑަމީއަކީ އެހެން ޤައުމެއްގެ ކޮންޓްރޯލެއް އޮތް ތަނެއް ނޫންކަމަށް ސަރުކާރުން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ޕޮލިސް އެކެޑަމީގެ ރަޖިސްޓްރީ އޮތީ ދިވެހިންގެ އަތުގައި ނޫން ކަމަށާއި އެތަނުގެ ކޮންޓްރޯލް އޮތީ އިންޑިއާގެ އަތުގައިކަމަށް ވިދާޅުވެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު, ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން އިއްޔެ ވިދާޅުވީ އެކެޑަމީ ތަރައްޤީކުރުމުގެ މަގުސަދަކީ އިންޑިއާ މީހުން އައްޑޫގައި ބޭތިއްބުން ކަމަށެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިޚްލާސްތެރިކަމެއް ހުރިނަމަ އެ ތަން ދިވެހިންނާ ހަވާލު ކުރަންޖެހޭ ކަމަށާއި ދާއިމީކޮށް އެ ތަނުގައި ބަނޑަހަޖަހައިގެން ތިބެން ފުރުޞަތު ނުދެވޭނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅަށް ރައްދު ދެއްވައި، މިއުވާން ވިދާޅުވީ ރައީސް ޔާމީން ދެއްކެވީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަފުޅެއް ކަމަށެވެ.
ޕޮލިސް އެކެޑަމީ އަކީ ދިވެހި ސަރުކާރުގެ ތަނެއް ކަމަށާއި އެހެން ޤައުމެއްގެ އެއްވެސް މިންވަރެއްގެ ކޮންޓްރޯލެއް އޮތް ތަނެއް ނޫން ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ. އަދި އެ ތަނުގައި ބަނޑަހަ ޖަހައިގެން ބޭރު ޤައުމެއްގެ އެއްވެސް ބަޔަކު ނުތިބޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.