ރަންބީރާ އާލިއާގެ ދަރިފުޅަށް ނަން ދެނީ ރިޝީއާ ގުޅުވައިލައިގެން

ކުރީގެ މަޝްހޫރު ތަރި ނީތޫ ކަޕޫރާއި އޭނާގެ މަރުވެފައިވާ ފިރިމީހާ ރިޝީ ކަޕޫރުގެ ދަރިފުޅު ރަންބީރު ކަޕޫރަކީ މިހާރު ބައްޕައެކެވެ. ރަންބީރުގެ އަންހެނުން އާލިއާ ބަޓަށް އަންހެން ދަރިއަކު ލިބުނީ މިމަހުގެ ހަވަނަ ދުވަހުއެވެ.
ދަރިފުޅު އުފަންވުމާއެކު ކަޕޫރު އާއިލާއަށް ބޮޑު އުފަލެއް ލިބިފައިވާއިރު، އެ އާއިލާގެ އެކްޓަރުންގެ ފޭނުންވެސް ތިބީ އާލިއާ-ރަންބީރުގެ ދަރިފުޅު ދެކިލުމުގެ އިންތިޒާރުގައެވެ. އެހެންނަމަވެސް ދަރިފުޅުގެ އެއްވެސް ފޮޓޯއެއް އަދި މިހާތަނަށް ފޭނުންނަށް ފެންނަވަރެއް ނުވެއެވެ.
ވިހެއިފަހުން އާލިއާ ފުރަތަމަ ފޮޓޯ ހިއްސާ ކުރީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު އިންސްޓެގްރާމް ހެންޑްލްއަށް ދޫކުރި ފޮޓޯއިން ފެންނަނީ "މާމާ" ޖަހާފައި އިން ޖޯޑެކެވެ. އެ ޖޯޑުގެ ބެކްގްރައުންޑުން ފެންނަނީ އާލިއާ އިށީންދެގެން އިންނަ މަންޒަރެވެ. ފޮޓޯގެ ކެޕްޝަނުގައި ވަނީ "މިއީ އަހަރެން" ކަަމަށެވެ.
ބޮލީވުޑްލައިފުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަންބީރާއި އާލިއާ، ދަރިފުޅަށް ނަން ކިޔުމަށް ނިންމާފައިވަނީ ރިޝީއާ ގުޅުވައިލައިގެންނެވެ.
އަދި މިކަމާ ގުޅިގެން ނީތޫ ކަޕޫރު ހުރީ ވަރަށް ބޮޑަށް އުފަލުން ކަމަށާއި، ދަރިފުޅުގެ ނަން ދުނިޔެއަށް އިއުލާނު ކުރަން ކެތްމަދުވެފައި ކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެެވެ. އަދި އެ ދެމީހުންގެ ދަރިފުޅަށް ކިޔާ ނަން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަަމަށްވެސް ޚަބަރުތަކުގައިވެއެވެ.