ކުޅިވަރު ފުޓްބޯޅަ

ވޯލްޑްކަޕް ނަތީޖާއާ ގުޅިގެން ބޮޑެތި ހަމަނުޖެހުންތަކެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ވޯލްޑް ކަޕްގައި ބެލްޖިއަމް އަތުން 2-0 އިން މޮރޮކޯ މޮޅުވި މެޗާ ގުޅިގެން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.

Ads by Sosun Fihaara

ސީއެންއެން އަށް ދިން ބަޔާނެއްގައި ބްރަސެލްސްގެ ފުލުހުން ބުނީ އިއްޔެ މެންދުރު ފަހު މޫނު ނިވާކޮށްގެން ތިބި ބަޔަކު އައިސް ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. މި ހަމަނުޖެހުމުގައި ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރޮއިޓާސް އިން ބުނި ގޮތުގައި ބެލްޖިއަމްގެ ވެރިރަށުގެ އެކި ސަރަހައްދުތަކުގައި ހިނގި މި ހަމަނުޖެހުންތަކުގައި މޮރޮކޯގެ ދިދަތައް އޮޅާލައިގެން ތިބި ފުޓުބޯޅަ ސަޕޯޓަރުންތަކެއް ފުލުހުންނާ ކުރިމަތިލާފައިވާ ކަމަށެވެ. އަދި ކާރެއްގައި ރޯކޮށްލުމުގެ އިތުރުން އިލެކްޓްރިކް ސްކޫޓަރުތަކުގައި ވެސް ރޯކޮށްލައިފައިވާ ކަމަށް ބުންޏެވެ.

ބެލްޖިއަމް އަތުން މޮރޮކޯ މޮޅުވި މެޗަކީ 1998 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕެއްގައި މޮރޮކޯ މޮޅުވި ފުރަތަމަ މެޗެވެ.

އެ މެޗުގެ ދެ ވަނަ ހާފުގައި ލިބުނު ފްރީ ކިކަކުން އަބްދުލް ހާމިދު ސަބީރީ ލަނޑު ޖެހިއިރު، މޮރޮކޯގެ ދެ ވަނަ ގޯލާއެކު ޒަކަރިއްޔާ އަބޫޚްލާލް ވަނީ މޮޅެއް ކަށަވަރުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!