ޚަބަރު ސަރުކާރު

ބައެއް ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ޕާކިސްތާނާއެކު މަޝްވަރާކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ބައެއް ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

Ads by MWSC

ދެ ބޭފުޅުން މަޝްވަރާކުރެއްވީ ފައްޔާޒް ގިލާނީ އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޞާލިޙަށް އެރުވުމަށްފަހު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ. އެ ގޮތުން މި ގުޅުން ބިނާވެގެންދަނީ ދެޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި، ވިސްނުމާއި، އެއްބައިވަންތަ އަޚްލާޤާއި، ޢަޤީދާގެ މައްޗަށް ކަމުގައި ދެ ބޭފުޅުން ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ތަޢުލީމާއި ސިއްހަތާއި ކުޅިވަރާއި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ ދާދިފަހުން ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކާއި، އެތައް ބައެއްގެ ފުރާނަ ގެއްލުމާއި ގުޅިގެން، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީއާއި ތަޢުޒިޔާ ފޮނުއްވާފައެވެ.

ބައްދަލުކުރެއްވުން ނިންމަވައިލެއްވީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!