ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމެއް އެޅުވުމުން ޕާޓީއަށް ބަޔާނެއް ވެސް ނެރެން ނުކެރުނު: ބޮންޑެ
ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމެއް އެޅުވުމުން އެންމެ ކުޑަމިނުން އެކަށް ކުށްވެރި ކުރައްވައި، ޕާޓީން ބަޔާނެއް ވެސް ނެރުއްވައިފައިނުވާކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ފާޑުވިދާޅުވެއްޖެއެވެ.
ދާދިފަހުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ކުރެއްވި ޓުވީޓެއްގައި ވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ދައުރުގައި އޭރު އެމްޑީޕީން އިދިކޮޅު ހަރަކާތްތައް ހިންގިއިރު ރައީސް ނަޝީދު އިސްވެ ހުންނަވައި ބޮމެއް ގޮއްވާލައިގެން މަދުވެގެން 50 މީހުން މަރާލައި އެކަމުގެ އިލްޒާމު މައުމޫނުގެ އިސްތަށިފުޅުގައި އެޅުވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
ޝަރީފް ވިދާޅުވީ އެކަން ހުއްޓުވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ގަރާރެއް ފާސްކޮށް ބޭރުގެ އެހީއަށް ވެސް އެދެން ވެސް ނިންމި ކަމަށާއި ރައީސް ނަޝީދަށް އެކަން ނުކުރެއްވެވުނީ ބޭރުގެ ލީޑަރުން އެކަމާ ދެކޮޅު ހެއްދެވުމުން ކަމަށެވެ.
އަދި ބޭރުގެ ފަރާތްތަކަށް ފޮނުއްވި ސިޓީތަކުގައި ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ ހައިިސިއްޔަތުން ސޮއިކުރެއްވީ އޭނާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ކްލަބު ހައުސް ޕްރޮގްރާމެއްގައި ބޮންޑެ ވިދާޅުވީ ދޮގު އިލްޒާމު އަޅުވަނީ ރައްޔިތުންގެ މެދުގައި ރައީސް ނަޝީދުގެ މަގްބޫލުކަން އިތުރުވެފައިވާތީ ކަމަށެވެ. އަދި ދެން ފުރުސަތު އޮތީ ވެސް އެ މަނިކުފާނަށް ކަމަށްވާތީ އެ އުޅެނީ ހިތްދަތިވެގެން ކަމަށް ކަމުގައެވެ.
ނަޝީދުގެ އިސްތަށިފުޅުގައި އެވަރުގެ ބޮޑު އިލްޒާމެއް އެޅުވުމުން އެންމެ ކުޑަމިނުން ޕާޓީން ބަޔާނެއް ވެސް ނެރެފައިނުވާކަމަށް ވިދާޅުވެ ބޮންޑެ ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައެވެ.
ޕާޓީގެ ރައީސާ ދިމާއަށް މިފަދަ ހުތުރު ބަހަކުން ނުވަތަ ދޮގު އިލްޒާމް އެޅުވީމަ ޕާޓީން އެންމެ ކުޑަމިނުން ނެތޭ ބަޔާނެއް ނެރެލާފަ. އެހެންނަމަވެސް ރޮޒައިނާ އެއްޗެކޭ ބުނީމަ ޕާޓީން ހީވީ އެހެންކަމެއްހެން, ހުރިހާ ނޫސްތަކެއްގަ އެކަން ކުށްވެރިކޮށް އޭތިމީިތި ކިޔާފަހުރި. އެކަމު ރައީސް ނަޝީދަށް މިވަރު ދޮގު އިލްޒާމެއް އެޅުވީމަ އެއްކަމެއް ވެސް ނުކުރެއެއް ނޫންތޯ.
ޝަރީފްގެ ތުހުމަތުތަކާ ގުޅިގެން ނަޝީދުގެ ފަރާތުން އަބުރުގެ ދަޢުވާ ކުރުމަށް މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅުއްވާފައެވެ. ނަޝީދުގެ ފަރާތުން އެދިވަޑައިގެންފައިވަނީ ޝަރީފް އެ މަނިކުފާނުގެ އަބުރާ ބެހުމުގެ އަމަލެއް ހިންގަވާފައިވާ ކަމަށް ކަނޑައަޅައިި ދެއްވުމަށާއި ބަދަލެއްގެ ގޮތުން 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.
ކިހިނެއް އެނގެނީ ދޮގު އިލްޒާމެއް ކަމެއް އެކަލޭގެ ކޮށްފަ ނުކުރާނެ ކަމެއްވެސް ހަމަ ނޭނގޭނެ
ބަލަ ނަޝީދު ވަނީ ޕާޓީގެ އެންމެ އިސްލީޑަރާއި ޕާލިމެންޓްރީ ގްރޫޕް ސީނިއަރ އެތައް މެމްބަރެއްގެ ބޮލުގަ ދޮގު އިލްޒާމް އަޅުވާ، ޕާޓީން ލީޑުކުރާ ސަރުކާރާ ދެކޮޅަށް ދޮގު އިލްޒާމް އަޅުވާ މެމްބަރުންގެ މެދުގަ ފިތުނަވެރިކަމާއި ދެކޮޅު ވެރިން ގާއިމް ކުރަމުން.