ވަގު ޑޮލަރުގެ މައްސަލަ: ދެ ފިރިހެނަކާއި އަންހެނަކު ބަންދުކޮށްފި

ވަގު ޑޮލަރުތަކެއްގެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތުޖަހައިފިއެވެ.
ހައްޔަރުކުރީ ޢުމުރުން 21 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިިރިހެނަކާއި 24 އަހަރުގެ އަންހެެނެކެވެ. އެ މީހުންގެ މައްޗަށް ކުރަނީ މަކަރާއި ހީލަތް ހެދުމާއި ފޯޖަރީގެ ތުހުމަތެވެ.
ފުލުހުން ވިދާޅުވީ މިއީ ވަގު ޑޮލަރުތަކަކާ ގުޅޭ މައްސަލައެއް ކަމަށެވެ.
އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ގާޒީ ޢަމުރުކުރެއްވީ 21 އަހަރުގެ މީހާ 30 ދުވަހަށް އަދި ދެން ތިބި ދެ މީހުން 40 ދުވަހަށް ބަންދުގައި ބޭތިއްބުމަށެވެ.
އެގޮތަށް ޢަމުރުކުރެއްވީ ފުލުހުން ހުށަހެޅުއްވި ހެކިތަކަށް ރިޢާޔަތްކޮށެވެ. ކޯޓު އަމުރުގައިވާ ގޮތުން އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅުއްވައިފައެވެ.