ޚަބަރު ޝަރުޢީ ދާއިރާ

ދެބައި ޢުމުރުގެ މީހަކު 58 ވަނަ ފަހަރު ހައްޔަރުކުރީ ތިޖޫރީއެއް ފަޅައިލަން އުޅެނިކޮށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިހައިތަނަށް 58 ފަހަރު ހައްޔަރުކޮށް 19 ފަހަރު ބަންދުކޮށްފައިވާ މީހަކު ތިޖޫރީއެއް ފަޅައިލަން އުޅެނިކޮށް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

Ads by Hajj Corporation

ކޯސްޓްލައިން ކުންފުނީގެ އޮފީސް ފަޅައިލައިގެން ވަދެ ތިޖޫރީ ފަޅައިލަން އުޅެނިކޮށް ހައްޔަރުކުރީ ސ.ފޭދޫ ފެހިވިދުވަރުގޭ ޢުމުރުން 40 އަހަރުގެ މުޙައްމަދު އިލްހާމެވެ.

ވައްކަމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތު އޭނާއަށް ކުރާއިރު ކްރިމިނަލް ކޯޓުގައި އިއްޔެ އޭނާ ބުނެފައިވަނީ ކޯސްޓްލައިން ކުންފުނީގެ އޮފީހަށް ވަނީ ނިދަން ކަމަށެވެ.

އޭނާ އެ ތަނަށް ވަދެ ތިޖޫރީގައި ތަޅާ އަޑުއިވިގެން ފުލުހުންނަށް ރިޕޯޓުކުރީ އެ ތަނުގެ މުވައްޒަފެކެވެ. އެ ގޮތުން ފުލުހުން އައިސް އޭނާ ހައްޔަރުކުރީ ކަމަށާއި އެ ތަނުން އިތުރު ތިން މީހަކު ހުއްޓުވި ކަމަށް ކޯޓު ޢަމުރުގައި ވެއެވެ.

ޢަމުރުގައިވާ ގޮތުން މި ބާވަތުގެ ވައްކަން ކުރުމަށް ބޭނުންވާ ގިނަ އާލަތްތަކެއް އެ ތަނުން ވަނީ ފެނިފައެވެ. އޭނާ ލައިިގެން ހުރި ޖިންސްގެ ފަހަތު ޖީބުން އެ އޮޮފީހުގެ މާސްޓަރ ކާޑެއް ފެނިފައިވާ ކަމަށް ވެސް ކޯޓު ޢަމުރުގައި ވެއެވެ.

އިލްހާމުގެ ބަންދަށް މީގެ ކުރިން ފަސް ދުވަސް ޖެހިއިރު ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 45 ދުވަސް އިތުރު ކުރައްވައިފައެވެ.

  1. ބުރިސް

    ތި މީހާގެ ފުރަތަމަ ވައްކަން ސާބިތުވުމުން އިސްލާމީ ޝަރީޢަތުގަ އޮންނަ އެއްމެ ވަރުގަދަ އަދަބު ދިންނަމަ ތި ހުރިހާ ވައްކަން ކުރުމުގެ ފުރުސަތު ލިބުނިސްތޯ! ދައުލަތަށާ ޢާންމުންނަށް ކުރިމަތިވި ނުތަނަވަސްކަމާ ގެއްލުނު ވަގުތާ ހަކަތަޔާ ފައިސާ 58 ފަހަރު ފުރުސަތުގައި ގެއްލިފައި ކިހާވަރަކަށް ވާނެތޯ..އަދި ކުރަނީ ވައްކަން ފިޔަވާ އެހެނިހެނިހެން ކުށްތަކަށް އަރައިގަތުމުގެ ފުރުސަތުވެސް ކުޑަވީހެއް ނޫންތޯ! ގަމާރު މުޖުތަމަޢެއް.