ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން އެއްބަސްވެފައިނުވާ ކަމަށް ސަރުކާރުން މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ''އާސްކް ސްޕީކާ'' ގެ ހަވަނަ ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އެކުލަވައިލި ރިޔާސީ މެނިފެސްޓޯގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުން ކަމުގައެވެ. އަދި އެމްޑީޕީގެ އެ ވަޢުދަށް ޢަދާލަތު ޕާޓީންނާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުން ތާއީދު ކުރެއްވިކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެއީ ރައްޔިތުންނަށްވެފައި އޮޮތް އެންމެ ބޮޑު އެއް ވަޢުދު ކަމަށާއި ނިޒާމު ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓު ނުނަގައެއް ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ ދައްކައިގެން ނުވާނެ ކަމުގައެވެ.
މި ވަޢުދު ފުއްދުމަށްފަހު ނޫނީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ޕްރައިމަރީއަކާ ދިމާއަށް މިސްރާބުޖެހުމަކީ ރަނގަޅުކަމެއް ނޫން.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުން ތަންފީޒު ކުރައްވަމުން ގެންދަވަނީ ރައީސް ޞާލިޙްގެ ވަޢުދުތައް ފުއްދެވުމަށް 2018 ވަނަ އަަހަރުގެ އިންތިޚާބުގައި ޢާންމު ކުރެއްވި މެނިފެސްޓޯ ކަމަށާއި ވަޢުދުތައް ފުއްދަވަމުން ގެންދަވާ ކަމަށެވެ.
އަދި އެ މެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކައެއް ނެތް ކަމަށާއި ނިޒާމީ ވޯޓަކަށްދާން ޕާޓީތަކުން އެއްބަސްވެފައެއް ނެތް ކަމަށެވެ.
ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ވިދާޅުވީ އެ މަނިކުފާނު އެމްޑީޕީން ރައްޔިތުންނަށް ވަރަށް ބޮޑު ވަޢުދެއްވެފައިވާ ކަމަށާއި އެއީ ނިޒާމު ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުން ކަމަށެވެ. ނަމަވެސް އެ މަސައްކަތް ނުކުރެވި އޮއްވާ އަލުން އަނބުރާ ރައްޔިތުން ކައިރިއަށް ދިއުމަކީ ރަނގަޅު ގޮތެއް ނޫންކަމަށާއި އިހަށް ދާންވީ ވޯޓަކަށް ކަމަށެވެ. ވޯޓެއް ނަގައިފިނަމަ, ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ބޮޑު ތާއީދެއް އޮންނާނެކަމަށް ނަޝީދު ގަބޫލުކުރައްވައެވެ.