ނައިބު ރައީސް އައްޑުއާ ފުވައްމުލަކަށް ވަޑައިގަންނަވަނީ

އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް ނައިބު ރައީސް ފައިސަލް ނަސީމް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ނައިބު ރައީސްގެ މި ދަތުރުފުޅު ފައްޓަވާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގައި ކަމަށާއި، މި ދަތުރުފުޅުގައި ދެ ސިޓީގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން ނައިބު ރައީސްގެ މި ދަތުރުފުޅުގައި އައްޑުއާ ފުވައްމުލަކުގައި ސިއްޙީ އަދި ތަޢުލީމީ ދާއިރާއިން ހިންގަމުން ގެންދާ މަޝްރޫޢުތައް ބައްލަވައިލައްވާނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ނައިބު ރައީސް އައްޑުއާ ފުވައްމުލަކަށް ވަޑައިގެން، އެ ދެ ސިޓީގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާވެސް ނައިބު ރައީސްގެ މި ދަތުރުފުޅުގައި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަަމަށެވެ.