އިސްލާމްފޯބިއާއާ ދެކޮޅަށް އަޅަން އުޅުނު އާމް ބޭންޑް އެޅުމުގެ ހުއްދައެއް ފީފާއިން ނުދިން

އިސްލާމް ދީނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ފަލަސްތީނުގެ ހެދުން އެޅުމުގެ ސްޓައިލްގައި ވޯލްޑް ކަޕް އާމްބޭންޑެއް ހެދުމަށް މުސްލިމް ގައުމުތަކުން ހުށަހެޅި ނަމަވެސް އެއީ ފީފާގެ އުސޫލާ ހިލާފުވާނެ ކަމެއް ކަމަށް އަންގާފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.
ފަލަސްތީނުގެ ހެޑްސްކާފް ޕެޓާނަކާ އެކު "ނޯ ޕްލޭސް ފޯ އިސްލާމްފޯބިއާ" ލިޔެފައިވާ އާމްބޭންޑް ޓީމުތަކުން ވަނީ ފަރުމާކޮށްފައެވެ. ނަމަވެސް ފީފާއާ އެކު އާމްބޭންޑް ތައާރަފް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމުން އެއީ ދުނިޔޭގެ ހިންގާ ކޮމިޓީގެ އުސޫލާ ހިލާފުވާނެ ކަމެއް ކަމަށް އޮފިޝަލުންނަށް އަންގާފައިވެއެވެ.
އޮފިޝަލުން ބުނީ ގަތަރާއި ސައުދީ އަރަބިއްޔާ އަދި މޮރޮކޯ ފަދަ ޓީމުތައް މި ނިންމުމާ ގުޅިގެން ނުރުހުންފާޅުކޮށްފައިވާ ކަމަށެވެ.
ގަތަރުގެ އިސް އޮފިޝަލަކު މައުލޫމާތު ދީފައިވާ ގޮތުގައި މުބާރާތް ފެށުމުގެ ކުރިން ގަތަރާއި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އެހެން ބައެއް ޓީމުތަކާ ދެމެދު އިސްލާމްފޯބިއާގެ ހަރަކާތްތައް އިތުރުވަމުންދާތީ އެކަމަށް ހޭލުންތެރިކަން އިތުރުކޮށް ކުޅުންތެރިން އާމްބޭންޑް އެޅިދާނެތޯ ވަރަށް ބޮޑަށް މަޝްވަރާ ކުރަމުން ދިޔަ ކަމަށެވެ.
"އާމްބޭންޑް ޕްރޮޕޯސަލްއާ މެދު އެންމެ ފަހުން ފީފާއާ މަޝްވަރާ ކުރިއިރު، އެއީ ފީފާގެ ގަވައިދާ ހިލާފު ކަމެއް ކަމަށާއި ހުއްދަ ނުދޭނެ ކަމަށް އެ މީހުންނަށް އަންގާފައިވާނެ” އޭނާ ބުންޏެވެ.
އޭނާ ބުނީ ޓީމުތަކުން އެ ނިންމުން ގަބޫލުކުރި ނަމަވެސް ދުނިޔޭގެ އެތައް މިލިއަން މުސްލިމުންނަށް ނޭދެވޭ އަސަރުކުރާ މިފަދަ މުހިންމު މައްސަލައަކަށް މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕްގައި އާމްބޭންޑް ބޭނުން ކުރުމަށް ހުއްދަ ނުދޭތީ އެކަމާ ގިނަ ކުޅުންތެރިން ނުރުހުން ފާޅުކޮށްފައިވާ ކަމަށެވެ.