ދުނިޔެ

ޕާކިސްތާނުގެ ފޮރެކްސް ރިޒާވް ވަރަށް ބޮޑަށް ދަށްވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ މަރުކަޒީ ބޭންކުން ބުނީ ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް 6.7 ބިލިއަން ޑޮލަރަށް ވެއްޓިއްޖެއެވެ. މިއީ އިގްތިސާދީ ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ޕާކިސްތާނުގެ އެންމެ ދަށް މިންވަރެވެ.

Ads by Sosun Fihaara

ސްޓޭޓް ބޭންކް އޮފް ޕާކިސްތާން (އެސްބީޕީ) އިން ބުރާސްފަތި ދުވަހު މިކަން ހާމަކޮށްފައި މިވަނީ، އެ ގައުމުގެ ކަރަންޓް އެކައުންޓް ޑެފިސިޓް ކުޑަކުރުމަށާއި، އަންނަ މާލީ އަހަރުގެ ދަރަނީގެ ޒިންމާ އަދާކުރެވޭ ވަރަށް ރިޒާވް ކަށަވަރު ކުރުމަށް ބޭރުގެ އެހީ ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ.

ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ބޭރު ފައިސާގެ ރިޒާވް 784 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައިވާއިރު، ކޮމާޝަލް ބޭންކްތަކުގެ އަތުގައި އިތުރު 5.8 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

އެންމެ ފަހުން ބޭރު ފައިސާގެ ރިޒާވް ހަތް ބިލިއަން ޑޮލަރަށް ވުރެ ދަށަށް ގޮސްފައި ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އޭރު ރިޒާވް ހުރީ 6.6 ބިލިއަން ޑޮލަރަށެވެ.

ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި އެސްބީޕީގެ ގަވަރުނަރު ޖަމީލް އަހްމަދު ވިދާޅުވީ ޕާކިސްތާނަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުގެ މައިގަނޑު ސަބަބަކީ މިއަހަރުގެ ފެންބޮޑުވުމާއި ޔޫކްރެއިން ހަނގުރާމަ ކުރިއަށް ދިއުމާއި ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުއުފުލިގެން ދިއުން ކަމަށެވެ.

އަހްމަދު ވިދާޅުވީ ޕާކިސްތާނުން މިދިޔަ ހަފުތާގައި އެގައުމުގެ މެޗޫރިން ބޮންޑާއި އެހެނިހެން ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް އެއް ބިލިއަން ޑޮލަރު ދައްކާފައިވާ ކަމަށާއި އޭގެ ސަބަބުން ބޭރުގެ ރިޒާވް ދަށްވެފައިވާ ކަމަށެވެ.

ކުރިއަށް އޮތް މާލީ އަހަރު ޕާކިސްތާނުން ބޭރުގެ ލޯނުދޭ ފަރާތްތަކަށް ގާތްގަނޑަކަށް 33 ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.

މަރުކަޒީ ބޭންކުގެ ޗީފް ވިދާޅުވީ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކުން މިދިޔަ ހަފުތާގައި ދައްކަން ޖެހޭ ފައިސާ އޮފްސެޓް ކުރުމަށް 500 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި އިތުރު ތަފްސީލެއް ނުދީ "ރަހުމަތްތެރި ގައުމަކުން" ތިން ބިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!