ލައިފްސްޓައިލް

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޖިމަށް ދިއުން މުހިންމެއް ނޫން!

އެންމެ ފިޓްކޮށް އަދި ދުޅަހެޔޮކޮށް ތިބެން ބޭނުންވާ މީހާއަށް ބަރު އުފުލާ މެޝިނެއް ނުވަތަ ޓްރެޑްމިލް އެއް ބޭނުންމެއް ނުވެއެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ދުނިޔޭގެ އެންމެ ސިއްހަތު ރަނގަޅު، އަދި އުމުރު ދިގު މީހުން ޖިމަކަށް ނުދެއެވެ.

ދުނިޔޭގައި އެންމެ ސިއްހަތު ރަނގަޅު އަދި އެންމެ ގިނަ އަދަދަކަށް އުމުރުން ދުވަސްވީ މީހުން އުޅޭ ތަންތަނަށް ކިޔަނީ "ބްލޫ ޒޯން" އެވެ. ބްލޫ ޒޯންގެ ގޮތުގައި ބެލެވޭ ފަސް ތަނެއް ވެއެވެ. އެއީ އީޓަލީގެ ސާޑީނާ، ޖަޕާންގެ އޮކިނާވާ، ކޮސްޓަރިކާގެ ނިކޯޔާ، އެމެރިކާގެ ލޮމާ ލިންޑާ އަދި ގްރީސްގެ އިކާރިއާއެވެ. މި ފަސް އަވަށުގައި ދިރިއުޅޭ މީހުން ގިނަ ދުވަހު ދުނިޔޭގައި ހުރުމަށް ކުރަނީ އެކިކަހަލަ ކަންކަމެވެ.

މި ޒޯން ތަކުގައި ދިރިއުޅޭ މީހުން ޖިމަށް ގޮސް ބަރު އެއްޗެހި އުފުލުގެ ބަދަލުގައި ކުރާ ކަމަކީ ދުވާލު ގަޑީ ބޭރުގައި ހިނގުން އަދި ގޭގައި ބަގީޗާ ހެއްދުން ފަދަ ކަންކަމެވެ. ބްލޫ ޒޯން ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ގިނަ ދުވަހު ދުނިޔޭގައި ހުންނަށް ބޭނުން ނަމަ އާދައިގެ ދިރިއުޅުމެއް އުޅުން ވަރަށް މުހިންމެވެ.

ރަނގަޅު ސިއްހަތަކަށް އެދޭ ނަމަ ދަތުރު ފަތުރު ކުރުމުގައި ވީހާވެސް ހަރަކާތްތެރި ވާނެ ގޮތެއް ހިޔާރުކުރާށެވެ. އެގޮތުން ދަރިފުޅު ސްކޫލަށް ލާން ދާއިރު، ހިނގާލާފައި ދިއުމަކީ އެންމެ އެދެވޭ ގޮތެވެ. އަދި ފިހާރައަކަށް އެއްޗެއް ގަންނަން ދާނަމަ އިންޖީނުލީ އުޅަނދެއްގެ ބަދަލުގައި ބައިސްލެއްގެ އެހީ ހޯދު އެދެވިގެން ވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ވަޒީފާއަށް ދާން ވެސް އެންމެ އެދެވިގެންވާ ގޮތަކީ 15 މިނަޓަށް ވުރެ ކުރުނުވާނެ މަގަމުން ހިނގާލާފައި ދިއުމެވެ. މިހެން ކަންތައް ކުރުމުން މަސައްކަތުގެ މާހައުލުގައި ރަނގަޅަށް މަސައްކަތް ކުރެވޭނެއެވެ.

އެމެރިކާގެ ކެއާ ސޮސައިޓީން ވަރަށް ފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި ހަފްތާއަކު ޖުމްލަ ހަ ގަޑިއިރަށް ހިނގުމަކީ ހިތުގެ ބަލިތަކާއި ނެވާލުމުގެނިޒާމަށް ޖެހޭ ބަލިތަކާއި ކެންސަރުން މީހާ ދުރުކޮށްދޭ ކަމެކެވެ. އަދި ހަފްތާއަކު ދެ ގަޑިއިރަށް ނަމަވެސް ހިނގާލުމަކީ ބަލިކަތުން ދުރުކޮށްދީ މީހާގެ އުމުރު ދިގުވާ ކަމެއް ކަމަށް ވެސް މި ދިރާސާގައ ބުނެފައިވެއެވެ.

ހިނގުމަކީ މީހާގެ ސިކުނޑިއަށް ވެސް ލިބޭ ވަރަށް ރަނގަޅު ފަރުވާއެކެވެ. ކޮންމެ ދުވަހަކު މަދު އިރުކޮޅަށް ހިނގާލުމުން، "ޑެމެންޝިއާ" ޖެހުމުގެ ފުރުސަތު 40 އިންސައްތައަށް ކުޑަ ކޮށްދެއެވެ. ޑެމެންޝިއާ އަކީ މީހާގެ ވިސްނުމާއި ހަނދާންކުރުމުގެ ބާރު ނައްތާލާ ބައްޔެކެވެ. މި ބަލި އާންމުކޮށް ޖެހެނީ އުމުރުން ދުވަސް ވުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!