ދުނިޔެ

ޕާޕަރު ކެއުމުން ކޮވިޑް19 އިން ސަލާމަތްވާ ކަމަށް ބުނި އިންޑިއާ މިނިސްޓަރަށް ކޮވިޑް ޖެހިއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޕާޕަރު ކެއުމުން ކޮވިޑް-19 އިން ސަލާމަތްވާނެ ބުނެ ވީޑިއޯ ހަދައި އާންމުކުރި އިންޑިއާގެ ޔޫނިއަން ސްޓޭޓް މިނިސްޓަރު އަރްޖުން ރާމް މެގަވާލް ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

ކޮވިޑް19 އަށް ފައްސިވެފައިވާ ކަން އޭނާ ޔަގީން ކޮށްދީފައިވާއިރު، އޭނާ އަށް ދިއްލީގެ އެއިމްސް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

ޕާޕަރުން ކޮވިޑް19 އިން ސަލާމަތްވާ ކަމަށް ބުނެ ވީޑިއޯ އާންމުކުރުމާއެކު އިންޑިއާގެ ގިނަ ބަޔަކު ޕާޕަރު ގަނެފައިވާކަން ވެސް ފާހަގަ ކޮށްލަންޖެހެއެވެ. ނަމަވެސް އެކަން ވެގެން ދިޔައީ ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވެގެންދިޔަ ކަމަކަށެވެ.

ޕާޕަރު ޕެކެޓެއް ހިފައިގެން ހުރެ އޭނާ އާންމު ކުރި ވީޑިއޯގައި އެއިން ކޮވިޑުން ފަރުވާ ލިބޭ ކަމަށް ބުނެފައިވެއެވެ. އެގޮތުން އެ ޕާޕަރު އުފައްދާފައިވަނީ ހައްތަހާވެސް ކޮވިޑަށް ފަރުވާދޭ ބާވަތްތަކުން ކަމަށާއި ޕާޕަރުން ކޮވިޑަށް އެންޓިބޮޑީ އުފައްދާ ކަމުގައި އޭނާ ބުނެފައިވެއެވެ.

އެ ވީޑިއޯގައި އޭނާ ބޭނުން ކޮށްފައިވަނީ ވަކި ބްރޭންޑެއްގެ ޕާޕަރެވެ. އަދި އެ ބްރޭންޑުގެ ވެރިންނަށް އެ ޕާޕަރު އުފެއްދީތީ ޝުކުރު އަދާކޮށް މަރުހަބާ ވެސް އޭނާ ވަނީ ކިޔައިފައެވެ.

އެ ބްރޭންޑުގެ ޕާޕަރުން ބުނާ ގޮތުގައި އެ ޕާޕަރުން ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެއެވެ. އަދި އެ އުފައްދާފައިވަނީ ރީނދޫ، އަސޭމިރުސް، ގަނދަކޯޅި ފަތް ފަދަ ސިއްހަތަށް ފައިދާހުރި ބާވަތްތަކުން ކަމަށް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!