ސާޅީސްފަސް ވަނަ ފަހަރަށް ހައްޔަރު ކުރީ ހަތަރު ޗޮކްލެޓާއެކު
މާލޭ ޔޫރޯ ސްޓޯރުން ޗޮކްލެޓްތަކެއް ވަގަން ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ.ހުޅުދޫ ސީސަންމާގޭ ޢުމުރުން 47 އަހަރުގެ މުޙައްމަދު މަހްޒޫނެވެ. އޭނާ ހައްޔަރުކުރީ މާލޭ ޔޫރޯ ސްޓޯރުން ލިންޓް ބްރޭންޑްގެ ހަތަރު ޗޮކްލެޓް ވަގަށް ނަގަން އުޅެނިކޮށެވެ.
މަހްޒޫން ޗޮކްލެޓް ވަގަށް ނަގަން އުޅުނު މަންޒަރު ފެނުނީ އެ ފިހާރައިގެ މުވައްޒަފަކަށެވެ. ކުރަން އުޅުނު ވައްކަން ފަޅައި އެރުމުން، އޭނާ ފިލަން ދުވި ނަމަވެސް އޭނާ ހުއްޓުވައި ފުލުހުންނާ ހަވާލުކުރީ އެ ތަނުގެ މުވައްޒަފުންނެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ޖެހީ 30 ދުވަހެވެ.
މަހުޒޫނަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް ގިނަ މީހެކެވެ. މިއީ މިހާތަނަށް އޭނާ ހައްޔަރުކުރި 45 ވަނަ ފަހަރެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާއަކީ މި އަހަރު މާލޭ އެކި ފިހާރަތަކުން ވައްކަން ކުރުމުގެ މައްސަލަ ގިނަ މީހެކެވެ.
މަހުޒޫން ބުނި ގޮތުގައި އޭނާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެކެވެ. އަދި ފަރުވާގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.
މިސަރުކާރުގެ ދޯހަޅިކަން.ޔާމީނަށް އެކަނިތަ ގާނޫނު ހިނގަނީ.އޭނަ ހައްޔަރު ނުކުރެވިގެން ހީވަނީ މޮޔަވެގެން އުޅޭހެން.
45 ފަހަރު ހައްޔަރު ކުރިއިރު ކުއްވެރިނުވެ ހުރުމަކީ ރާއްޖޭގެ އަދުލު އިންސާފު ފެއިލްވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއް. މިކަން ބަލާންޖެހޭ މީހުން މުސާރަ ނަގަނަގާ ތިބުމަކީ ދައުލަތް ފޭލްވަމުން ދާކަން ރަމްޒުކޮށްދޭ ކަމެއް.