ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މައުސޫމް މީހެއްގެ ގޮތުގައި އެނބުރި ވަޑައިގަންނަވާނެ ކަމަށްއެމަނިކުފާނުގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިފަދައިން ވިދާޅުވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
ޖަމީލް ވިދާޅުވީ އެ ހުކުމަކީ ބަލައިގަންނަ ހުކުމެއް ނޫން ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީއާ، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އަދި އެ ގާނޫނުގެ ދަށުން ކަނޑައެޅިފައި ހުރި އުސޫލުތަކާ ހިލާފަށް، އެ އުސޫލުތައް އެއްކިބާ ކުރުމަށްފަހު ކޮށްފައިވާ ގާނޫނާ ހިލާފު ހުކުމެއް ކަމަށް ގަބޫލުކުރާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
“އިސްތިއުނާފީ ކޯޓުން ކިރިޔާ ވެސް މި މައްސަލަ އަށް ނަޒަރު ހިންގާލައިފި ކަމުުގައިވާނަމަ ރައީސް ޔާމީން މައުސޫމް މީހެއްގެ ގޮތުގައި އެނބުރި ވަޑައިގަންނަވާނެ” ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ސިޔާސީ ދަޢުވާތަކެކެވެ. އެ ދަޢުވާތަކުގައި ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ކަމަށާއި ފަނޑިޔާރު ހެއްދެވި ގޯސްތައް ހާމަ ކުރައްވާނެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.