މި ކުރިމަތިލަނީ އިސްލާމީ ވެރިކަމެއް ކޮށްދިނުމުގެ ނިޔަތުގައި: ރައީސް ނަޝީދު

މިފަހަރު ވެރިކަމަށް ކުރިމަތިލައްވަނީ ރާއްޖޭގައި ދިވެހި އިސްލާމީ ވެރިކަމެއް ކުރުމުގެ ނިޔަތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަލްޓަންޕާކްގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި ރާއްޖޭގެ ވެރިކަމަށް ކުރިމަތިލައްވަން ނިންމެވީ ދިވެހިންނަށް ދިވެހި ވެރިކަމެއް ކޮށްދިނުމުގެ ނިޔަތުގައި ކަމަށާއި އިސްލާމީ ވެރިކަމެއް ކުރުމުގެ ނިޔަތުގައި ކަމަށެވެ.
އެމްޑީޕީގެ އަމާޒަކީ އަބަދުވެސް ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި ކުރިމަތިލައްވަނީ އެމްޑީޕީ އަލުން ޕާޓީގެ މެންބަރުންނާ ހަވާލުކުރުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މި ޕާޓީ އިރާދަކުރެއްވިއްޔާ އަލުން އަނބުރާ ތިބޭފުޅުންނަށް ރައްދުކޮށްދޭނަން.
ކުރިމަތިލެއްވި އިތުރު ސަބަބުތައް ހާމަކުރައްވަމުން ނަޝީދު އިތުރަށް ވިދާޅުވީ އެ މަނިކުފާނު ކުރިމަތިނުލައްވައިފިނަމަ އެމްޑީޕީއަށް ލިބިދާނެ ވޯޓު މަދުވެދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.
އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްކަމަށް ވެއްޖެނަމަ އެ ޕާޓީއަށް %20 ވޯޓު ވެސް ނުލިބޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.