2020ގެ ތަސައްވުރު: މިހެން ވާނެ ކަމަށް އެއްވެސް މީހަކު ލަފާ ކުރިބާ؟
2020ގެ ތަސައްވަރުގެ ވާހަކަ ދެއްކުމުން އަޅުގަނޑުގެ ހަނދާނަށް އަންނަނީ ސުކޫލުގައި އުޅުނު އިރު އަޅުގަނޑުމެން މަޒުމޫނެއް ލިޔުމަށް ކުރި މަޝްވަރާއެކެވެ. 2020ގެ ތަސައްވަރު އަަޅުގަނޑުމެން އެދުވަހު ކުރީ ވަރަށް ތަފާތު ގޮތަކަށެވެ.
2020 އަޅުގަނޑުމެންނަށް އެންމެ ޚާއްސަވީ އެއް ސަބަބަކީ “ވިހިވިހި” މިގޮތަށް ރީތި ޢަދަދެއް ބުނެވުމުން ކަންނޭނގެއެވެ. ނުވަތަ 2010 އަކުން ފެށި 10 އަހަރު ހަމަވުމާ ގުޅިގެން ކަންނޭނގެއެވެ. ކޮންމެއަކަސް އެދުވަހުވެސް 2020ގެ ތަސައްވަރެއްގެ ވާހަކަ ގިނަ ބަޔަކު ދިޔައީ އޭރުވެސް ދައްކަމުންނެވެ.
2020ގައި އުދުހޭ ކާރާއި އަދި މޫދުގައި ދުއްވޭ ކާރު އުފައްދާނެ ކަމަށް ތަސައްވަރު ކުރި މީހުންވެސް މަދެއް ނޫނެވެ. އަދި އަމިއްލައަށް އެއްވެސް ކަމެއް ކުރަން ނުޖެހި “މެޝިނަރީ”ގެ އެހީގައި ހުރިހާ ކަމެއް ވާނެ ކަމަށް ވެސް ހީކުރިއެވެ.
އަދި ހަމަ އެހެންމެ ކެންސަރު ފަދަ ފަރުވާ ހޯދިފައި ނުވާ ބަލިތަކަށް ފަރުވާއެއް ހޯދޭނެ ކަމަށްވެސް ގިނަ ބަޔަކު ތަސައްވުރު ކުރިއެވެ. މީގެ އިތުރުންވެސް ސިއްހީ އެތައް ކުރިއެރުމެއް ލިބޭނެ ކަމަށް ގިނަ ބަޔަކު ދުއްޓެވެ.
ކޮންމެއަކަސް 2020ގެ ތަސައްވުރެއްގެ ވާހަަކަ އަކީ މާކުރިންސުރެ ވެސް އަޑު އިވޭ ވާހަކަ އެކެވެ. ނަމަވެސް ސުވާލަކީ 2020 ގައި ކަންތައްތައް ވަމުން މިދަނީ އެކަކުވެސް ތަސައްވުރު ކުރި ގޮތަކަށް ބާވައެވެ.
ކޮވިޑް-19 ފަދަ ބައްޔެއް މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވާނެ ކަމަށް ހީކުރާނީ ކާކު ހެއްޔެވެ. އަޅުގަނޑުމެންގެ ލޮލަށްވެސް ނުފެންނަ ކުޑަކުޑަ ވައިރަހެއް ދުނިޔޭގެބޮޑެތި ގައުމުތައް ވެސް އިނދަޖައްސާލައި ގިނަ ބަޔަކު މި ބަލީގައި ދުނިޔެ ދޫކުރާނެ ކަމަށް އެކަކުވެސް ހީކުރި ބާވައެވެ.
ނިކަން ވިސްނާލަމާ ހިނގާށެވެ. 2020ގައި ރީތި އެތައް ތާރީހުތަކެއް އެބަހުއްޓެވެ. 2020ގައި ކައިވެނި ކުރަން ވެސް އެތައް ބަޔަކު ނިންމާފައިވާނެ ކަންޔަގީނެވެ. ނަމަވެސް މިއަދު ހަގީގަތުގައި ދުނިޔެ މިއޮތް ހާލަތުގެ ސަބަބުން އެބަޔަކު ބޭނުންވާ ގޮތަށް ކައިވެނީގެ ހަފްލާތައް އެހާ ކުލަގަދަކޮށް ނުބޭއްވިދާނެއެވެ.
އަދި ހަމަ އެހެންމެ ކައިވެނި ކޮށް “ހަނީ މޫން” އަށް ދުނިޔޭގެ ރީތި ހިސާބަކަށް ނުވަތަ ހިސާބު ތަކަކަށް ގޮސްލުމަކީ ވެސް ގިނަ ބަޔަކު އުއްމީދު ކޮށްގެން ތިބޭނެ ކަމެއް ކަން ޔަގީނެވެ. ނަމަވެސް އެ ދުވަހު ތަސައްވުރު ކުރި 2020ގައި ދަތުރު ކުރަން ރައްކާތެރި ވީ ނަމަވެސް މިއަދު އަޅުގަނޑުމެންނާ ބައްދަލުކޮށްފައި މިވާ 2020ގައި ދަތުރު ކުރުން ރައްކާތެރި އެއް ނޫނެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ އާލަމީ ވަބާ ،ކޮވިޑް-19ގެ ސަބަބުން ތައުލީމު ހާސިލް ނުކުރެވި މެދު ކެނޑިފައި ވެސް އެތައް ދަރިވަރުންނެއް އެބަތިއްބެވެ. މި ބަލީގެ ނުރައްކާތެރިކަމާހެދި ކިޔަވާ ނުދެވޭތީއެވެ. ސުކޫލުތައް ނުހުޅުވޭތީއެވެ.
ރާއްޖޭގެ އޯލެވެލް އަދި އޭލެވެލް ހަދާ ދަރިވަރުންވެސް މިއަދު ތިބީ ނުހަނު މާޔޫސް ވެފައެވެ. މިއަހަރު ސުކޫލް ނިންމާލާ މަތީ ތައުލީމު ފަށަން ނުވަތަ ވަޒީފާއަކަށްދިއުމަށް އަޒުމް ކަނޑައަަަޅައިގެން ތިބި އެކުދިން ގެ އިމްތިހާނުތައް ވަނީ ލަސްވެފައެވެ. މާނައަކީ ކުރިން ނިމެން އޮތް ތާރީހަށްވުރެން އެ ކުދިން ނިމޭލެއް ލަސްވާނެއެވެ. ނަމަވެސް މިބަލީގެ ނުރައްކާތެރިކަން ބޮޑު ކަމުން ކިޔެވުން ފެއްޓޭކަށް ވެސް ނެތެވެ.
ކޮވިޑް-19ގައި ވަޒީފާ ގެއްލުނު މީހުންގެ ވާހަކަވެސް ދައްކާލަން ޖެހެއެވެ. އަސަރު ކުރި މެދު ފަންތީގެ އަދި ކުދި ވިޔަފާރި ތަކުގެ ވާހަކަވެސް ދައްކާލަން ޖެހެއެވެ. ވަޒީފާ ގެއްލި މަގުމަތިވެފައި އެތައް ޒުވާނުންނެއް އަޅުގަނޑުމެންގެ މި ރާއްޖޭގައި ވެސް އެބަތިއްބެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ކުންފުނިތަކަށް ބޮޑުތަނުން ގެއްލުން ވުމުން މުވައްޒަފުން “ނޯޕޭ” އަށް ނުވަތަ ވަޒީފާއިން ވަކި ކުރަން ޖެހެނީއެވެ.
ކުޅިވަރަށް ލޯބި ކުރާ ފަރާތްތަކަށް ވެސް މި އަހަރު ވެފައި މިވަނީ ހިތާމަވެރި އަހަރަކެށެވެ. އެގޮތުން މި އަހަރު ގިނަ މުބާރާތްތަކެއް ވަނީ ފަސް ކޮށްފައެވެ. އެގޮތުން މުޅި ޔޫރަޕު އެ މުބާރާތަކަށް ޓަކައި ތައްޔާރުވާ “ޔޫރޯ” ވެސް ވަނީ ފަސްކޮށްފައެވެ
ތެދެކެވެ. މިއަދު އަޅުގަނޑުމެން އުޅެމުން މިދާ 2020 އަކީ އަޅުގަނޑުމެން އެދުވަހު ހިޔާލުގައި ތަސްވީރުކުރި 2020 އެއް ނޫނެވެ. މިއަދު އަޅުގަނޑުމެން މި ދެކޭ2020 އަކީ އަޅުގަނޑުމެން ދެކެން ބޭނުންވި 2020 އެއް ވެސް ނޫނެވެ.
2020 ވަނަ އަހަރަށް އެތައް ބަޔަކު އުއްމީދު ކުރިއެވެ. ނަމަވެސް މިއަދު ގިނަ ބަޔަކު ބޭނުންވަނީ ކޮވިޑް-19 އިން ދުނިޔެ މިންޖުވެ 2020 ވެސް އަވަހަށް އަލްވަދާއު ކިޔުމެވެ.
ވަރަށްތެދުވާހަކައެއް