ތިމާއަށް ލިބޭ އެއްޗަކުން ފުއްދައިގެން ހޭދަ ކުރުމަކީ އިސްލާމީ އިޤްތިޞާދުގެ މުހިންމު އަސާސެއް: ޚުތުބާ
ތިމާއަށް ލިބޭ އެއްޗަކުން ފުއްދައިގެން ހޭދަ ކުރުމަކީ އިސްލާމީ އިޤްތިޞާދުގެ މުހިންމު އަސާސެއް ކަމަށް ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "އިޤްތިޞާދު ކުރުން" މިއެވެ.
ޚުތުބާގައި ބުނެފައިވަނީ މުދަލާއި ފައިސާއަކީ އެކަލާންގެ އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން ވަރށް މަތިވެރި ދެ ނިއުމަތެއް ކަމަށެވެ. އަދި އެކަލާންގެ އަންގަވާފައިވާ ގޮތަށް މުދަލާއި ފައިސާ ހޯދުމާއި އެކަލާންގެ އަންގަވާފައިވާ ގޮތައް އެތަކެތި ހޭދަކުރުމަކީ ސަވާބާއި ދަރުމަ ހުރި ކަމެއް ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ހޭދަކުރުމުގައި އިސްރާފް ނުކުރުމާއި ލިބޭ މިންވަރަށް ބަލައިގެން ހޭދަ ކުރުމަކީ އިސްލާމް ދީން އެދީނުގެ އަހުލުވެރިންނަށް ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ކަމަށާއި މާބޮޑަށް ދަހިވުމާއި ލިބޭ އެއްޗެއް އެކީ އެކަށް ހޭދަކޮށް ހުސްކޮށްލުމަކީ އިސްލާމް ދީން ބާރުއަޅާ ކަމެއް ނޫން ކަމަށް ޚުތުބާއި ބުނެފައިވެއެވެ.
“ތިމާއަށް ލިބޭ އެއްޗަކުން ފުއްދައިގެން ހޭދަ ކުރުމަކީ އިސްލާމީ އިޤަތިޞާދުގެ މުހިންމު އަސާސެއް. އިޤްތިޞާދު ކުރުމަކީ ހަރަދު ކުރުމުގައި މެދު މިންވަރަކަށް ޢަމަލު ކުރުން. ބޮޑެތި ޤައުމުތައް ތަރައްގީވެފައިވަނީ އުފެއްދުންތެރިކަމާއި އިޤްތިޞާދުކުރުން އެއީ އެންމެ މުހިންމު އަސާސް ކަމުގައި ބަަލައިގެން މަސައްކަތް ކުރުމުން” ޚުތުބާގައި ބުނެފައިވެއެވެ.