ދައުލަތް ބަގުރޫޓްވީ ދައުލަތުގެ ހަޒާނާއިން މި ސަރުކާރުން "ވައްކަން" ކޮށްފައިވާތީ: އަބްދުއްރަޙީމް
ދިވެހި ދައުލަތް ބަގުރޫޓުވީ ދައުލަތުގެ ހަޒާނާއިން މި ސަރުކާރުން “ވައްކަން” ކޮށްފައިވާތީ ކަމަށް އިދިކޮޅު ލީޑުކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުالله ތުހުމަތު ކުރައްވައިފިއެވެ.
އަދި ހަމަ އެހެންމެ ދިވެހި ދައުލަތް ބަނގުރޫޓުވީ އިބްރާހިމް މުހައްމަދު ސާލިހުގެ ނާގާބިލު ކަމުން ކަމުގައި ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައި މިވަނީ ދައުލަތް ބަނގުރޫޓުވެ ޑޮލަރުގެ އަގު އުފުލިފައިވަނީ ކުރީ ސަރުކާރުގެ ސަބަބުން ކަމުގައި އެމްޑީޕީގެ ޕާލަމެންޓަރީގުރޫޕްގެ ލީޑަރު އަލީ އާޒިމް ތުހުމަތު ކުރައްވަަފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާޒިމް ވަނީ ރައީސް ޔާމީނާއި ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުއްވާ ވާހަކަފުޅު ދައްކަވާފައެވެ.
އެވާހަކަތަކައް ރައްދު ދެއްވާ ، އަބްދުއްރަހީމް މިރޭ ވިދާޅުވީ ދައުލަތް ބަނގުރޫޓުވީ ރައީސް ސޯލިހުގެ ނާގާބިލް ކަމުގެ ސަބަބުން ކަަމަށާއި ޑޮލަރުގެ އަގު މައްޗަށް ދިޔައީ އިގްތިސާދު މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ކަމުގައެވެ.
އަބުދުއްރަޙީމް މިފަދައިން ވާހަކަފުޅު ދެއްކެވިއިރު އިކޮނޮމިކް މިނިސްޓަރވެސް ވަނީ ރާއްޖޭގެ އިގްތިސާދުގައި ހުރި މައްސަލަތަކާއި މެދު ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ފައްޔާޒު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދު އެންމެ އަވަހަކަށް ވެސް ހަމައަކަށް އެޅޭނީ 2022 ގައެވެ.
ކަޅު ބާޒާރުގައި ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށްވުރެ މަތިން ޑޮލަރު މާރު ކުރުމަކީ ގާނޫނީ ކުށެކެވެ. ނަމަވެސް މިއަދު ކަޅު ބާޒާރުގައި ޑޮަލަރު އެންމެ އަގުހެޔޮކޮށް ވެސް މާރުވާން ހުރީ 18.50 އަށް ކަމަށް މައުލޫމާތު ލިބެއެވެ.