ބޮލީވުޑް މުނިފޫހިފިލުވުން

3 އަހަރަށް ފަހު ސުޝާންތުގެ ފުލެޓް ބަޔަކު ކުއްޔަށް ހިފައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މީގެ 3 އަހަރު ކުރިން ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރ ސުސާންތު ސިންގ ރާޖްޕުޓް މަރުވެފައި ހުއްޓާ ފެނުނު އެޕާޓުމެންޓް ކުއްޔަން ނަގާނެ މީހެއް ނުވެގެން އެޕާޓުމެންޓުގެ ވެރިޔާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް އެންމެ ފަހުން އެ އެޕާޓްމަންޓް ކުއްޔަށް ހިފާނެ މީހަކު ވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Ads by STELCO

ރިއަލް އެސްޓޭޓް ބްރޯކަރ ރަފީގް މާރޗެންޓް ބުނެފައިވާގޮތުގައި ސުޝާންތު މަރުވުމުގެ ކުރިން އޭނާ މިއެޕާޓުމަންޓުގައި ދިރިއުޅެމުން ދިޔަ މި އެޕާޓުމަންޓުގެ މަހުކުއްޔަކީ ފަސްލައްކަ ރުޕީސް ކަމަށާއި އެތަން ކުއްޔަށް ނަގާ ފަރާތެއް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 30 ލައްކަ ރުޕީސް ދައްކަން ޖެހޭނެކަމަށެވެ.

އަދި މިހާރު އެތަން ކުއްޔަށް ނަގާނެ ފަރާތެއް ލިބި ކުއްޔަށް ދިނުމުގެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށާއި ސުޝާންތުގެ މަރަށްފަހު މިހާރު ކަންކަން ހަމައަކަށް އެޅެމުން އަންނަ ކަމަށް ރަފީގް ވަނީ ބުނެފައެވެ.

ސުޝާންތު މި އެޕާޓުމަންޓު ކުއްޔަން ނަގާފައިވަނީ 2019 ވަނަ އަހަރު މަހަކު 4.51 ލައްކަ ރުޕީސްއަށެވެ. އަދި އޭނާ އެތަނުގައި އުޅެމުން ދިޔައީ އޭރުގެ ލޯބިވެރިޔާ އަދި ބޮލީވުޑްގެ އެކްޓްރެސް ރިއާ ޗަކްރޮބަތީ އާއެކުއެވެ.

މި އެޕާޓުމަންޓުގެ ސީީލިންގެ ފަންކާއެއްގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ސުޝާންތު ފެނިފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އޭނާގެ ކުއްލި މަރާއެކު ބޮލީވުޑުގައި ހުރި ގިނަ މައްސަލަތަކެއް ވަނީ އާއްމުންގެ ކުރިމައްޗަށް އައިސްފައިއެވެ. މިގޮތުން ބޮލީވުޑްގައި އޮތް ޒަމާންވީ ތަފާތުކުރުންތަކުގެ ވާހަކަ ވަރަށް ސާފުކޮށް މީޑިއާތަކަށް ވަނީ އެދުވަސްވަރު ތިލަވެފައިކަން ފާހަގަކޮށްލެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!