އަތިޔާއާ ރާހުލްގެ ކައިވެނީގެ ހަފްލާ އޮންނާނީ ކަންޑާލާގައި

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރ ސުނިލް ޝެޓީގެ ދަރިފުޅު އަދި އެކްޓްރެސް އަތިޔާ ޝެޓީއާއި ކްރިކެޓަރ ކޭއެލް ރާހުލްގެ ކައިވެނި އޮންނާނީ މިޖެނުއަރީ މަހުގެ 21 އާއި 23 އާއި ދެތޭރޭގައި ކަމަށާއި ކައިވެނި ހަފްލާ އޮންނާނީ ކަންޑާލާގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ކަންޑާލާގައި ހުންނަ ސުނިލް ޝެޓީގެ ގޭގައި ކައިވެނީގެ އެންމެހައި ކަންކަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، ކައިވެނީގައި ބޭނުންކުރާނެ ހުރިހައި ހެދުންތަކެއް މިހާރު ފައިނަލްވެ ނިމިފައިވާކަމަށާއި، މިހާރު ދަނީ ފަހުގެ ތައްޔާރީތައް ކުރިއަށް ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމުގައިވާ "ޕިންކް ވިލާ" އިން ވަނީ ބުނެފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އަތިޔާއާ ރާހުލް އެމީހުންގެ ގުޅުން ރަސްމީކޮށް އިޢުލާނުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
އެއަށްފަހު ދެމީހުން އެކުގައި ގިނަ ފޮޓޯތަކެއް ދަނީ ޝޯޝަލް މީޑިއާއަށް އަޕްލޯޑް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން ދެމީހުން އެކުގައި ޗުއްޓީ ހޭދަ ކުރުމަށް އެކި ތަންތަނަށް ދިޔުމާއި އުފާވެރި ގިނަ ވަގުތުތަކެއް ހޭދަކުރަމުން ދާކަން ފާހަގަކޮށްލެއެވެ. އަދި މިގުޅުމަށް ދެ ޢާއިލާއިން ވަރަށް ރުހޭއިރު، ކައިވެންޏަށް ދެ ޢާއިލާއިންވެސް ދަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.