ބޮލީވުޑް މުނިފޫހިފިލުވުން

ހިތުގެ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ ކުއްޖަކަށް އަކްޝޭގެ ބޮޑު އެހީއެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހިތުގެ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ ދިއްލީގެ ކުއްޖަކަށް ބޮލީވުޑްގެ އެކްޓަރ އަކްޝޭ ކުމާރު ބޮޑު އެހީތެރިކަމެއް ދީފިއެވެ.

Ads by STELCO

އާޔޫޝީ ޝަރްމާ ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ މިއަންހެން ކުއްޖާގެ ޓްރާންސްޕްލާންޓްއަށް އަކްޝޭވަނީ 15 ލައްކަ ރުޕީސް ދީފައިކަމަށާއި އެކުއްޖާ މިހާރު ހުރީ ޑޯނަރެއްގެ އިންތިޒާރުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަންހެން ކުއްޖާގެ އާއިލާއާއި ހަވާލާދީ ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނެފައިވާގޮތުގައި އަކްޝޭގެ އެހީތެރިކަމުގެ ސަބަބުން އެއާއިލާއަށް ލިބިފައިވަނީ ބޮޑު ހިތްހަމަޖެހުމެއްކަމަށާއި އެކަމަށްޓަކައި އަކްޝޭއަށް ޝުކުރުއަދާ ކުރާނެ ގޮތެއްވެސް އެއާއިލާއަކަށް ނޭނގެއެވެ.

"އާޔޫޝީ އަކީ އުފެދުމުގައިވެސް ހިތުގެ މައްސަލަތަކެއް ހުރި ކުއްޖެއް. މިހާރު އުމުރުން 25 އަހަރު ވެފައިވާއިރު ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ ހިތުން މަސައްކަތް ކުރަނީ އެންމެ 25 އިންސައްތަކަމަށް. އަދި އޭނާ ދިރިހުރެވޭނީ ހިތުގެ ޓްރާންސްޕްލާންޓް ހަދައިގެން. އަކްޝޭގެ އެހީތެރިކަމާކީ އަހަރުމެންނަށް ލިބުނު އަގު ނުކުރެވޭ ހިތްހަމަޖެހުމެއް. މިހާރު އަހަރުމެން އިންތިޒާރު މިކުރަނީ ޑޯނަރަކަށް" އާޔޫޝީގެ ބައްޕަ ޔޯގެންދުރަ ބުނެފައިވެއެވެ.

ބޮލީވުޑްގެ ފަންނާނުންގެ ތެރޭގައި ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ދޭ ގިނަ ފަންނާނުން ހިމެނެއެވެ. އޭގެ ތެރެއިންވެސް އަކްޝޭ ކުމާރު، ޝާހްރުކް ހާން އަދި ސޯނޫ ސޫދު ފާހަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!