އެމްޑީޕީ އަކީ ފިކުރެއްކަމަށާއި އެފިކުރަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ފިކުރެއް ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިރޭ ހުޅުމާލެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބާއްވަވާ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ނިޔާޒް ވިދާޅުވީ ސިޔާސީ ޕާޓީ ގައި ލީޑަރުންތައް ބަދަލުވާނެ ކަމަށާއި އެކިފަހަރު ތިއްބަވާނީ އެކި ލީޑަރުންކަމަށެވެ.
"އެމްޑީޕީއަކީ ފިކުރެއް އެފިކުރަކީ ޖަޒީރާ ރާއްޖެ ފިކުރު އެފިކުރަކީ ކުރިއަށްދާ ފިކުރު. އެކީ ވަކި މީހެއް އަނބުރާއުޅޭ ފިކުރެއް ނޫން. އެފިކުރު އަޅުގަނޑުމެން ނައްތާލައިފިން 30 އަހަރު އެކަކު ފަހަތުގައި އުޅެގެން އެއީ ކަމުނުދާ ފިކުރެއްކަމުގައި ބުނެގެން އަޅުގަނޑުމެން މަގުމައްޗަން ނުކުމެގެން ވެރިކަން ކުރުމުގެ ނިޒާމުގައި އޮތް ގޮތެއް ކަމަށް އަޅުގަނޑުމެން ގަބޫލު ނުކުރީ. ސިޔާސީ ޕާޓީ އުފެއްދީ ސިޔާސީ ޕާޓީ ގައި ލީޑަރުންތައް ބަދަލުވާނެ. އެކިފަހަރު އެކި ލީޑަރުން ތިއްބަވާނީ އޭގެ މާނައަކީ އަންނަ ލީޑަރަކާއެކީ އެމީހުން ތިބުން ސިޔާސަތު ތަކާއެކު ކުރިއަށް ގެންދިޔުން" މެމްބަރު ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް އިތުރަށް ވިދާޅުވީ ވާދަވެރި ކެންޑިޑޭޓު ނުކުމެއް ހުންނެވީ އެމްޑީޕީގެ ސިޔާސަތުތައް މިސަރުކާރުން ތަންފީޒު ނުކުރާތީ އެސިޔާސަތުތައް ތަންފީޒުކުރުމަށް ކަމަށް ވިދާޅުވި ނަމަވެސް މިސަރުކާރުން ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ސިޔާސަތުތައް ކަމަށެވެ.
"މި ސަރުކާރުން ހިންގަނީ އެމްޑީޕީގެ ސިޔާސަތު. ބައްލަވާ ހިލޭ ޑިގްރީއަށް ކިޔަވަދޭ ވާހަކަ އޮތީ އެމްޑީޕީގެ މެނިފެސްޓޯގައި މިސަރުކާރުގެ މެނިފެސްޓޯގައި މިސަރުކާރުން އެކަން ތަންފީޒު ކުރަނީ. 16000 އެތައް ދަރިވަރަކަށް އެފުރުސަތު ލިބިގެން ދިޔައީ މިސަރުކާރުގައި ހަމަ މިވަޒީރުން ތިއްބަވައިގެން ހަމަ ކޯލިޝަން ވަޒީރުންވެސް އޭގެތެރޭގައި ތިއްބަވައިގެން." މެމްބަރު ވިދާޅުވިއެވެ.
ނިޔާޒް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް ނުހިނގަނީ ނޫންކަމަށާއި އެބޭފުޅުން ދައްކަވަނީ ވަކި މީހެން ނެތި ސިޔާސަތުތައް ތަންފީޒުކުރާ ވާހަކަ ކަމަށެވެ.
ރައީސް ޞާލިހް މިރޭ ބާއްވަވަމުން ގެންދަވާ ކެމްޕޭން ޖަލްސާގައި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންވެސް ދަނީ ބައިވެރިވަމުން ކަން ފާހަގަކޮށްލެވެއެވެ.